ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓް ގުޅިގެން ފެމިލީ ކާނިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.
އެޗްޑީސީން ބުނިގޮތުގައި މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، އެތަނުގައި ދިރިއުޅޭ ހުރިހާ އާއިލާތަކުން އެއްތަނަކަށް އެއްވެ، ކުދި ބޮޑު އެންމެންވެގެން ހިތްގައިމު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ.
މި ކާނިވާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00އަށް ހުޅުމާލޭ ހިޔާ ޕާކުގައެވެ.
ކުޑަކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމާއި އެކި ކަހަލަ ގޭމް ސްޓޯލްތަކާއި އިންފްލޭޓަބަލް ކާނިވާ ގޭމްސް ވެސް މި ކާނިވަލުގައި ބެހެއްޓިފައި ހުންނާނެ ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ. އަދި އާއިލާ އެންމެންނަށް އިވެންޓުގެ ތެރެއިން °360 ފޮޓޯއާއި ވީޑިއޯ ނެގޭ ގޮތަށް ބޫތު ބެހެއްޓިފައި ހުންނާނެ ކަމަށާއި މި އިވެންޓުގެ ތެރެއިން ހިލޭ ޑެންޓަލް ޗެކަޕް ހެދުމުގެ ފުރުސަތުވެސް ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ ކަމުގައި އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ކާނިވަލްގައި ކުރިއަށްދާނެ ހަރަކާތްތައް:
° ރޮބޯމޭން ޕާފޯމެންސް
° އެކްޓިވިޓީ ސްޓޯލްތައް
° ގޭމް ސްޓޯލްތައް
° އިންފްލޭޓަބަލް ކާނިވާ ގޭމްސް
° ފޮޓޯ/ވީޑިއޯ ބޫތު
° ފޯމް ޕާޓީ
° ފަޔާ ވެހިކަލް (ފޮޓޯ ނެގުމަށް)
° ޓްރެފިކް ޕާކް
° ޑެންޓަލް ޗެކަޕް

މި ކާނިވާ ކުރިއަށްގެންދަނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމާ ވެސް އެކުގައެވެ. އެގޮތުން ކާނިވަލުގައި ފޯމް ޕާޓީ ކުރިއަށްގެންދަނީ އުރީދޫގެ ފަރާތުންނެވެ. އަދި މި ކާނިވަލްގައި އައިލެންޑް ބެވަރޭޖެސްގެ ފަރާތުން ކުރިއަށްގެންދާ ވަރަށް ހާއްސަ ހަރަކާތްތަކެއްވެސް އޮންނާނެކަން އެނގިފައިވެއެވެ.
އޭގެ އިތުރުންވެސް މި ކާނިވަލް ކުރިއަށްގެންދަނީ ގިނަ ބައެއްގެ ބައިވެރިވުމާއި އެއްބާރުލުމާއެކުއެވެ. އެގޮތުން، ފުލުހުންނާއި، އެމްއެންޑީއެފް، އެޗްޕީއޭ، ޓްރީޓޮޕް ހޮސްޕިޓަލް، ތެލެސީމިއާ ސޮސައިޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް، މަމްސް އެންޖީއޯއާއި، ކިޑްސް ޒޯން، ޑޫ ގުޑް އެންޖީއޯގެ އިތުރުން އެޗްއާރުސީއެމް ހިމެނެއެވެ.
މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކަކާއެކު ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެއެވެ.



