މިހާރު ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ޚާއްޞަ އިސްކަމެއްދީގެން މުޅި ރާއްޖެ މޮނިޓަރކުރުމުގެ މަސައްކަތް ކުލަސްޓަރތަކުން ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން ބުނެފިއެވެ.
ކައުންސިލް މިިނިސްޓްރީގެ ކްލަސްޓަރތަކުން މުޅި ރާއްޖެ މޮނިޓަރ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައި ވާއިރު މިހާރު ކުރަމުން މިދާ ވިއްސާރާގައި މުޅި ރާއްޖެއަށް މި ދެތިން ދުވަހު ބޯކޮށް ވާރޭވެހޭނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
ކުލަސްޓަރ 3 ގެ އެގްޒެކްޓިވް އަޙްމަދު ޙަލީމްއާ ހަވާލާދީ އެ މިނިސްޓްރީން މިއަދު ބުނީ ކުލަސްޓަރ 3 ގައި ހިމެނޭ ރަށްތަކަށް ގުޅައި ވިއްސާރާގައި ލިބޭ ގެއްލުން ބަލަމުން އަންނަ ކަމަށެވެ.
އަދި މިހާތަނަށް އައިއިރު ރައްޔިތުންގެ ކަންބޮޑުވުމެއް ނެތް ޙަލީމްއާ ހަވާލާދީ އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މިހާރު ކުރަމުން މިދާ ވިއްސާރައާ ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ކުލަސްޓަރ ނިޒާމުގެ ތެރޭން ކުލަސްޓަރ އެގްޒެކްޓިވުންނާއި، ކޯޑިނޭޓަރުން އެކި ސިޓީތަކަށާއި، ރަށްތަކަށް ގުޅައި ވިއްސާރާގައި ރައްޔިތުންނަށް ލިބެމުންދާ ދަތިތައް ދަނީ ވަރަށް ގާތުން ބަލަމުންނެވެ.
ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ އާންމުކޮށް އެންމެ ބޮޑަށް ކުރަމުން އަންނަނީ މޭ މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ.



