ހުރިހާ ސްކޫލަކަށް ވެސް އެހީ ފޯރުކޮށްދީގެން މި އަހަރުގެ ކުޑަކުދީންގެ ދުވަސް މުޅި ރާއްޖޭގައި ފާހަގަ ކުރަން ނިންމާ މާލޭގެ 5 ސަރަޙައްދެއްގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް މީގެކުރިން ފާހަގަ ކުރަމުން ގެންދިޔައީ ހަމައެކަނި ސްކޫލް ފެންވަރުގައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސައިން ސަޢީދު މުޙައްމަދު ވިދާޅުވީ، އެ މިނިސްޓްރީން އިސްނަގައިގެން ފުރަތަމަފަހަރަށް ޤާއުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް މިއަހަރު ފާހަގަކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ސްކޫލުތަކުގައި އަބަދުވެސްކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ކަމަށާއި ނަމަވެސް މިހާރުގެ ވިސްނުމަކީ ކުޑަކުދީންގެ ދުވަސް ފާހަގަކުރާއިރު ކުދީންނާއި އެކުދީންގެ އާއިލާވެސް ހިމަނައިގެން ވަރަށް ފުޅާ ދާއިރާއެއްގައި އެ ދުވަސް ފާހަގަކުރުން ކަމުގައި ވެސް ޙުސައިން ސަޢީދު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދު ވިދާޅުވީ ކުޑަކުދިންގެ ދުވަހަކީ ހަމައެކަނި އެކުދީންނަށް ހަދިޔާއެއް ދީގެން ފުއްދާލާ ދުވަހަކަށް ހަދައިގެން ނުވާނެ ކަމަށާއި، އެ ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަށްވެސް އެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީގެންކަމަށެވެ.
”އަޅުގަނޑުމެންގެ މިނިސްޓަރު އިސްނަންގަވައިގެން ނިންމެވީ މާލެ ސަރަހައްދުގެ ސްކޫލުތައް އެކިއެކި ގްރޫޕްތަކަށް ބަހާލައިގެން އެކިއެކި ސަރަހައްދުތަކުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް. ވަރަށް ގިނަގުނަ ހަރަކާތްތައް މީގަ އެބަ ހިމެނޭ.“ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން ޙުސައިން ސަޢީދު ވިދާޅުވީ މާލެ ސަރަހައްދުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ސްކޫލުތައް ގުޅިގެން ފަސް ސަރަހައްދެއްގައި ކަމަށެވެ. އެގޮތުން ވިލިމާލެއާއި މާލޭގެ ތިން ސަރަހައްދެއްގެ އިތުރުން ހުޅުމާލޭގައި ކުޑަކުދީންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.




