ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުންދާ ދަރިވަރުންނާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.
މިކަމާ ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ސްޕެއިންގައި ތިބި ބައެއް ދިވެހި ދަރިވަރުންނާ މިނިސްޓަރު ހައިދަރު އޮންލައިންކޮށް ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މިނިސްޓަރުގެ އެ ބައްދަލުވުމުގައި ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން މިވަގުތު އެ ގައުމުގައި ޕައިލެޓް ޓްރެއިނިން ހަދަމުން އަންނަ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން ދަރިވަރުންގެ ވާހަކަތައް މިނިސްޓަރު ތަފްސީލުކޮށް އަޑުއައްސަވާފައިވާ ކަމަށާއި ދަރިވަރުންގެ ބައެއް ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް އެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.



