ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ލިބިފައިވާ ނަމަ އެ މައްސަލަ ބަލަން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާ ހިއްސާ ކުރަން ހާއްސަ ޕޯޓަލެއް ހުޅުވާލައިފި އެވެ.
ރިޔާސީ ކޮމިޝަނުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވަނީ އެ ޕޯޓަލްގެ ލިންކް ހިއްސާކޮށްފައެވެ.
އެ ކޮމިޝަނުން ބުނީ 18 އޭޕްރީލް 2025 ގައި މާލޭގައި ހިނގި ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް އެ ކޮމިޝަނާ ޙިއްސާކުރައްވަން ބޭނުންފުޅުވާނަމަ އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.
އަދި އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރައްވަން ބޭނުންފުޅުވާނަމަ ވެސް އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވަނީ ބުނެފައެވެ.




