ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް އީފާސް މެދުވެރިކޮށް ދޭން ނިންމައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ އެ އިދާރާއިން ފޯރުކޮށްދޭ ކުށާއި ދަރަނީގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ފަސޭހަކުރުމަށްޓަކައި އީފާސް މެދުވެރިކޮށް އެ ޚިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން 2025 މެއި 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ ޑިޕާޓްމަންޓުން ޑިވެލޮޕްކޮށްފައިވާ ޕަބްލިކް ޕޯޓަލް ކަމަށްވާ records.judiciary.gov.mv އިން އީފާސް މެދުވެރިކޮށް އެ ޚިދުމަތް ފޯރުކޮށްދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޑީޖޭއޭ އިން ބުނެފައި ވެއެވެ.
އަދި ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް މިހާރު ބޭނުންކުރާ ފޯމު މެދުވެރިކޮށް ވަކިވަކި ފަރުދުން ހުށަހަޅާ ހުށަހެޅުންތައް 2025 ޖޫން 1 ވަނަ ދުވަހުގެ ފަހުން ބަލައިނުގަނެވޭނެ ކަމަށްވެސް ޑީޖޭއޭއިން ބުނެފައި ވެއެވެ.
ނަމަވެސް، ދައުލަތުގެ އޮފީސްތަކުން ރެކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ލިސްޓުތަކާއި ކުންފުނިތަކުން ރެކޯޑް ސާފުކުރުމަށް ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ، ކުރިއެކޭވެސް އެއްފަދައިން، އެ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާއެކު ރެކޯޑް ސާފުކުރުމަށް އެދި ހުށަހެޅުމުން ކަމުގައި ޑީޖޭއޭ އިން ބުނެފައި ވެއެވެ.


