އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ”ވާނުވާ ބަންދު“ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ހައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މި ޔަޤީންކަންދެއްވާފައި މި ވަނީ، ރައްޔިތުންގެ މެދުގައި އެއިރެއްގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވެވަޑައިގަތުމަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
”ވާނުވާ ބަންދު“ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ހައްލަކީ މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމުގައި ވާއިރު، މައްސަލަތައް އަވަހަށް ބަލައި ނިންމުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރަށް ކޮށްދެވޭނެ ކަމަކަށް އޮތީ ޖާގައާއި ވަޞީލަތުގެ ގޮތުން ފޯރުކޮށްދެވެން އޮތް އެހީއެއް ފޯރުކޮށްދިނުން ކަމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
އެގޮތުން ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ބަލައި، އިންސާފުވެރިކަމާއެކު އަވަހަށް ނިންމުމަކީ ޝަރުޢީ ދާއިރާގެ ތެރެއިން ކުރައްވަންޖެހޭ ކަމެއް ކަމަށާއި މިކަންކަން ކުރުމަށް، މާތް ﷲގެ އިރާދަފުޅާއެކު، ޝަރުޢީ ދާއިރާއަށް ސަރުކާރުން މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހުޅުމާލޭގައި ތަރައްޤީ ކުރެވެމުންދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްތައް މުޅިން ނިމޭއިރު، ޝަރުޢީ ދާއިރާއަށް އިދާރީ ގޮތުން ބޭނުންވާ އެހީތެރިކަންވެސް ސަރުކާރުން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. މިއާއެކު، އެއްފަހަރާ ގިނަ މަސައްލަތަކެއް ބެލުމުގެ ފުރުޞަތު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ވާނުވާ ބަންދު“ގައި މިވަގުތު 300 އަށްވުރެ ގިނަ މީހުން ތިބިއިރު، ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުން އޭގެތެރޭގައި އެބަތިބި ކަމަށާއި މިފަދަ ގޮތަކަށް ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ޤާއިމުކުރެވިގެން ދިއުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައިވެސް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމެކެވެ. މިވަގުތު ޤާނޫނީ އިމުގެ ތެރެއިން ކަފާލާތު ލިބުމަށް އޮންނަނީ ހަނި ފުރުސަތެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި މައްސަލައަށް ފުރިހަމަ ގޮތެއްގައި، ވަށާޖެހޭ ޙައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.




