ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، އެ މަގާމުން ރިޓަޔަރ ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފިއެވެ.
އުއްތަމަ ފަނޑިޔާރު މަގާމުން ރިޓަޔަރ ކުރައްވަން އުޅުއްވާކަމުގެ އިޝާރާތެއް މީގެ ކުރިންވެސް ވަނީ ދެއްވާފައެވެ. އެގޮތުން އެފަދަ އިޝާރާތެއް ދެއްވާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ބޭއްވި ވަކީލުންގެ ހުވާކުރުމުގެ ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.
ސިއްހީ ހާލުކޮޅު ދެރަވެގެން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އުއްތަމަ ފަނޑިޔާރު މުއުތަސިމަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ވެސް ދެއްވާފައެވެ.
އުއްތަމަ ފަނޑިޔާރުކަމުން ރިޓަޔަރ ވުމަށް މުއުތަސިމް މިއަދު ހުށަހަޅުއްވާފައިވީ ނަމަވެސް، ރަސްމީކޮށް މަގާމުން ރިޓަޔާވެ ވަޑައިގަންނަވާނީ ރިޓަޔާމަންޓުގެ ފުރުސަތު ދެއްވުމަށް ޖޭއެސްސީން ނިންމުމުންނެވެ.
މުއުތަސިމް އަދުނާން ބެޗްލަރ އޮފް ލޯސް ހާސިލުކުރައްވާފައި ވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބަކިންހަމްއިންނެވެ. އަދި 1994 ވަނަ އަހަރު ސްކޮޓްލޭންޑުގެ ޔުނިވާސިޓީ އޮފް ގްލެސްގޯއިން މާސްޓަ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވެ އެވެ.
އެމަނިކުފާނު ވަނީ 1994 އިން 2001 ވަނަ އަހަރުގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރައްވާފަ އެވެ. އަދި 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.
އޭގެފަހުން 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް މުއުތަސިމް މަސައްކަތް ކުރައްވާފައި ވަނީ ކްލިޕަ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގަ އެވެ.




