މިދިޔަ މަހުގެ 30 ވަނަ ދުވަހު އިންޑިއާއިން ”އޮޕަރޭޝަން ސިންދޫރް“ ގެ ނަމުގައި ޕާކިސްތާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، އެ ދެ ޤައުމުގެ ގުޅުން އަނެއްކާވެސް ހީނަރުވެ ކަންބޮޑުވުންތައް އިތުރުވެއްޖެއެވެ.
މި ހަނގުރާމަ ފެށިފައިވަނީ، އިންޑިއާގެ ޕެހަލްގާމްއަށް ޓެރަރިސްޓުންތަކެއް ދިން ހަމަލާތަކެއްގެ ސަބަބުންނެވެ. އެއީ ޕާކިސްތާނަށް ނިސްބަތްވާ ބަޔަކު ދިން ހަމަލާތަކެެއް ކަމަށް އަޑުފެތުރިފައިވީ ނަމަވެސް، އެޤައުމުން ވަނީ އެކަން ދޮގުކޮށްފައެވެ. ނަމަވެސް އެ ހަމަލާގެ ސަބަބުން އިންޑިއާގެ ކުށެއްނެތް އެތައް ބަޔަކު މަރުވުމުން، އިންޑިއާއިން ވަނީ ”އޮޕަރޭޝަން ސިންދޫރް“ ގެ ނަމުގައި ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކޮށްފައެވެ.
އެގޮތުން އިންޑިއާއިން ޕާކިސްތާނު ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ ކަޝްމީރަށް ދިން ފުރަތަމަ ހަމަލާގައިވެސް 30 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިންޑިއާއިން ބުނެފައިވަނީ އެމީހުން ހަމަލާ އަމާޒުކުރީ ޓެރަރިސްޓުންނަށް ކަމަށާއި އާންމުންނަށް ނޫން ކަމަށެވެ. ނަމަވެސް ޕާކިސްތާނުން ބުނެފައިވަނީ، އިންޑިއާއިން ހަމަލާދިނީ އެ ޤައުމުގެ މިސްކިތަކަށް ކަމަށާއި އެދުވަހު އެ މިސްކިތަށް ފަތިސް ނަމާދަށް ދިޔަ ގިނަ މީހުން ޝަހީދުވެ، އެތައް ބަޔަކު އެ ހަމަލާގައި ޒަޚަމްވެފައިވާ ކަމަށެވެ.
އެއާއެކު ޕާކިސްތާނުންވެސް ވަނީ އެ ހަމަލާގެ ރައްދެއްގެ ގޮތުން އިންޑިއާއަށް ހަމަލާ ދީފައެވެ. މިހަމަލާގައި އެ ޤައުމުން 8 މީހަކު މަރުވެފައިވެއެވެ. އިންޑިއާއިން ވަނީ އެ ޤައުމުގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިފައިވާ ޑްރޯނެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށް، އެއީ ޕާކިސްތާނުން އިންޑިއާގެ އާންމުންނަަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމުގައި ބުނެފައެވެ. ނަމަވެސް ޕާކިސްތާނު ސަރުކާރުން ބުނެފައިވަނީ އެއީ އެ ޤައުމުގެ ޑްރޯނެއް ނޫން ކަމަށާއި އިންޑިއާއިން ކުރަމުންގެންދަނީ ދޮގު ތުހުމަތެއް ކަމަށެވެ.




