ބޮލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރްއަކީ، ކާމިޔާބު ފިލްމުތައް ހެދުމުގެ އިތުރުން، ގިނަ މީހުންނާ ވަރަށް ސޯޝަލައިޒް ވެގެން އުޅޭ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ފަންނާނެކެވެ.
ގިނަ ތަރިންނާއި އެނޫންވެސް ފަންނާނުންނާއެކު ޚަފްލާތަކުގައި ބައިވެރިވުމާއި އޭނާގެ އަމިއްލަ ގޭގައި ވެސް ޕާޓީތައް ބާއްވައި އެ ފަންނާނުންނަށް ކަރަން ދައުވަތުދީ ހެދިއެވެ. އަދި ސޯޝަލް މީޑިއާގައި އާންމުކޮށް އެ ޚަފްލާތަކުގެ ފޮޓޯތައް ވެސް ހިއްސާކުރަމުން ދިޔައެވެ.
ނަމަވެސް މިފަހަކަށް އައިސް ކަރަން ޖޯހަރް ވަނީ އެކަންކަން ބަފަލު ކޮށްފައެވެ. އަމިއްލައަށް ޕާޓީއެއް ނުބޭއްވުމުގެ އިތުރުން، ޚަފްލާތްކަށް ވެސް ގިނަ ފަހަރަށް އޭނާ މިހާރު ނުދެއެވެ. ޕަޕަރާޒީންނަށް ވެސް އޭނާ ގެއިން ބޭރުން ފެންނަނީ ވެސް ވަރަށް މަދު ފަހަރަކުއެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ރާޖް ޝަމާނީއަށް ދިން އިންޓަވިއުއެއްގައި ކަރަން ޖޯހަރް ބުނެފައިވަނީ އޭނާއަކީ އެކަނިވެރިއެއް ކަމަށާއި މިހާރު ގިނަ މީހުންނާ ބައްދަލު ކުރާހިތް ނުވާ ކަމަށެވެ. އަދި އޭނާ ލޯބިކުރަނީ އެކަނި ހުންނަން ކަމަށާއި 100 މީހުން އެކުލެވޭ ޕާޓީއަކަށް ދިޔަސް މިހާރު އޭނާ ހާސްވެ އަވަހަށް ގެއަށް ދާން ބޭނުންވާ ކަމަށް ވެސް ބުނެފައިވެއެވެ.




