މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން، އެކި ސަބަބުތަކާ ހެދި ވަނީ ނުނެގި ކަމަށާއި މިހާދިސާގެ ތަހުގީގަށް އޭނާއާ ސުވާލުކުރަން ބޭނުންވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވީއިރު، ޔުމްނުގެ ބަޔާން ކިޔައިދިނުމަށް ކަމުގައި ބުނެ އޭނާގެ އާއިލާއިން ރޭގައި ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވާފައެވެ.
އެ ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޔުމްނުގެ ދައްތަ ބުނީ، ޔުމްނުއަށް މިހާރު ވާހަކަ ދެއްކޭ ކަމަށާއި ހާދިސާއާ ގުޅޭ ބައެއް ވާހަކަތައް ކިޔައިދިން ކަމަށެވެ.
އެގޮތުން ހާދިސާ ހިނގި ރޭ ޔުމްނު ވެއްޓުނީ ނޫން ކަމަށާއި ވައްޓާލީ ކަމަށް ބުނިކަމަށް އޭނަގެ ދައްތަ ބުންޏެވެ. އަދި މިއީ ބަޔަކު ކުރިކަމެއް ކަމުގައިވެސް ޔުމްނު ބުނިކަމަށް އޭނަގެ ދައްތަ ބުންޏެވެ.
މީގެއިތުރުން ޔުމްނުގެ ދައްތަ ބުނެފަައިވަނީ، ޔުމްނުގެ ބަހެއް ހޯދަން ފުލުހުން މިހާތަނަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، 2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
”ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބި. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވޭ.“ ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގެއް ކަމަށާއި އެގޮތުން، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން ދެއްކި ބައެއް ވާހަކަތަކާމެދު އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ޔުމްނު އާއި އޭނާއާއެކު އެރޭ އުޅުނު މީހުން ދިޔަ ގެއަކީ ކުރިންވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނި ކަމަށާއި ނަމަވެސް އެގެއަށް އެރޭ ދާން ލޮކޭޝަން ފޮނުވީ ޔަސަރް ކަމަށް ބުނެފައިވާ ބުނުން ބައެއް މީހުން ވަނީ ފާހަގަ ކޮށްފައެވެ. ކުރިން ގޮސް އުޅުނު ގެއަކަށްދާން އަލުން ލޮކޭޝަން ފޮނުވަންޖެހުނީ ކީއްވެތޯ މީހުން އެ އާއިލާއާ ސުވާލު ކޮށްފައިވެއެވެ.
މީގެއިތުރުން، މިފަދަ ހައްސާސް މައްސަލައެއްގައި ޔުމްނު އެންމެ ފުރަތަމަ ބަޔާން ދޭން ވާނީ އާއިލާއަށް ނޫންކަން ގިނަ މީހުން ފާހަގަ ކޮށްފައިވެއެވެ. އެއީ ތަހުގީގަށް ނުފޫޒު ފޯރުވޭނެ ކަމަކަށް ވާތީ، މީޑިއާތައް ހިމަނައިގެން ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ޔުމްނު ބަޔާން ދިނުމަށް ގިނަ މީހުން ވަނީ ގޮވާލާފައެވެ.




