ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް މިހާތަނަށް 283 ކުދިން ކުރިމަތިލައިފިއެވެ.
މި ޕްރޮގްރާމަކީ 18 އަހަރު ނުވާ ކުދިންނަށާއި ސްކޫލު ނިންމާފައި ތިބޭ ކުދިންނަށް ޚުތުބާ ކިޔުމާއި ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.
މިހާތަނަށް ޚަތީބުން ތަމްރީނު ކުރުމުގެ ދެ ބުރު ކުރިއަށް ގެންގޮސްފައިވާއިރު އެ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ތިންވަނަ ބުރަށް މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ.
ޚަތީބުން ތަމްރީނު ކުރުމުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވާއިރު، ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި 1،000 ކުދިން ހާފިޒުންނަށް ހެދުމެވެ. ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.



