ޢަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި، އެކުދިންގެ ޢާއިލާތަކަށް އަރިސްކުރައްވަމުން ފޮނުއްވި ހިޠާބުގައެވެ.
ރައީސްގެ ހިޠާބުގައި ވިދާޅުވީ ކުޑަކުދިންގެ ދުވަހަކީ، ޤައުމުގެ އަދުގެ އުފާވެރިކަމާއި މާދަމާގެ ފޮނި އުންމީދުތައް ގުޅިގެން އަންނަ ޚާއްޞަ މުނާސަބާއެއް ކަމަށާއި ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށެވެ.
އެކުދިން ތައްޔާރުވަމުން އެދަނީ، މުސްތަޤްބަލުގައި މި ޤައުމުގެ ކަންކަމާ ހަވާލުވާން ކަމަށާއި ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ޤައުމީ ވާޖިބު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މަތިވެރި އިރުޝާދުތަކުން އެނގެން އޮތް އެއް ޙަޤީޤަތަކީ، ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައި ކަމަށާއި ކުއްޖާގެ އުޅުމާއި ޢަޤީދާ ބައްޓަންވަނީ ބެލެނިވެރީން ދިން ތަރުބިއްޔަތެއްގެ މައްޗަށްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އަދި އެ ކުދިންގެ މަޢުޞޫމުކަން އަބަދުވެސް ޖާގަދޭނީ، ދޮށީ މީހުންގެ ބަސް އެހުމަށާއި އުޅޭ އުޅުމާއި ދައްކާ ނަމޫނާ ނަކަލު ކުރުމަށް ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑުމެން މިއަދު ޢަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރަން، ގޭތެރެއާއި، މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، ރީތި މާޙައުލެއް ދެއްކުމަށް، ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތަޢުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދިނުމަށް“ ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ޢަޒުމު ކަނޑައަޅަންވީ ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ޤައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިއީ ކުޑަކުދިންގެ އުމުރުގެ އެންމެ އަގުހުރި ދުވަސްތައްކަން ހަނދާން ބަހައްޓައި ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކޮށް އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން ޢަޒުމު ކަނޑައަޅައި ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށް ކުޑަ ކުދިންނަށް އިލްތިމާސްކުރައްވާފައެވެ.
ކުޑަކުދީން އެ ކުދިންގެ މަންމަ ދެކެ ވާ ލޯބި، މި ޤައުމު ދެކެވެސްވެ، ވަގުތު ބޭކާރު ނުކުރުމަށާއި ޞިއްޙީ އާދަތަކުގައި ހިފައި ބަސްއަހާ ކިޔަމަންތެރި ކުދިބަޔެއްގެ ގޮތުގައި ދެމިތިބުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
”އަޅުގަނޑުގެ ދުޢާއަކީ، ކޮންމެ އަހަރެއްގެ މި ދުވަސްވެސް، ހިތްހަމަޖެހުމާއި ބާއްޖަވެރިކަމާއެކު، އަބަދުމެ ބައްދަލުވަމުން ދިޔުން، ދިވެހި ކޮންމެ ކުޑަކުއްޖަކަށް، ތޫނުފިލިކަމާއި، ދުޅަހެޔޮކަމާއި، ރައްކައުތެރިކަން މާތްﷲ މިންވަރު ކުރައްވައި، އުޖާލާ މުސްތަޤްބަލެއް ދެއްވުން“ ރައީސްގެ ހިޠާބުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުޑަކުދިންނަކީ ލޯތަކުގެ ފިނިކަން ކަމަށާއި ހިތްތަކުގެ ހަމަޖެހުން ކަމަށާއި ޤައުމުގެ ދެމިއޮތުން ކަމަށާއި ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމަށެވެ.




