އަމާޒަކީ 2028 ގެ ނިޔަލަށް ތިންބައިކުޅަ އެއްބައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ގޮތް ހެދުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އުންމީދަކީ، މިތަނުގައި މިއަދު ކަނޑަނޭޅި ނަމަވެސް، އެންމެން ގުޅިގެން އެ މަސައްކަތް ކާމިޔާބުކުރެވޭ މިންވަރަކުން 2028 ވަނަ އަހަރު ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް ސާޅީސް ނުވަހާސް މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން، ކަނޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން ”ވާރކް ފްރޮމް ހޯމް“ މަސައްކަތް ކުރުން ކަމަށެވެ.
އެގޮތުން އެ މުވައްޒަފުން ގޭގައި ތިބެގެން، ހަމަ ޤާނޫނީ އުޞޫލުގެ ތެރެއިން، ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
”މަހަކު 30 ގަޑިއިރު، ނޫނީ ކަނޑައެޅޭ ވަކި ވަގުތަކަށް، ވަގުތު ހަމަކުރަން އޮފީހަށް އައުން އޭގެތެރޭގައި ހިމެނޭގޮތަށް.“ ރައީސް ވިދާޅުވިއެވެ.
ޑިޖިޓަލް ވަޞީލަތްތަކުން ރާއްޖެއަށް ގެންނަން އުޅޭ ބަދަލު ބައްޓަންކޮށް، ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރުކުރެވޭނެ ގޮތަށެވެ.
ދިވެހިރާއްޖެ 2.0 ގެ ތަސައްވުރަށް އަމަލީ ސިފަ ގެނައުމަށްޓަކައި މައިގަނޑު 6 އަސާސެއް ކަނޑައަޅާފައިވެއެވެ. މިއަސާސްތަކުގެ ތެރޭގައި ފަރުމާކުރެވޭ ކޮންމެ ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދެވޭގޮތަށް ފަރުމާކުރެވޭ ޚިދުމަތަކަށް ހެދުމާއި، މުޖްތަމަޢުގެ ކޮންމެ ފަރުދަކަށްވެސް އެ ޚިދުމަތް ބޭނުން ކުރެވޭ ފަދަ ޚިދުމަތެއްގެ ގޮތުގައި ފަރުމާކުރުން ހިމެނެއެވެ.
މިގޮތުން މިއިން ކޮންމެ ޚިދުމަތަކީވެސް ރައްކާތެރިކަން ކަށަވަރުކުރެވޭ، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ފަރުމާކުރެވޭ ޚިދުމަތަކަށް ވާން ޖެހެއެވެ.




