ކޮރަޕްޝަން ނައްތާލަން އަޅާ ފިޔަވަަޅުތަކުގައި ޒިންމާދާރުކަމާއެކު ބައިވެރިވާން އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިގޮތަށް ގޮވާލައްވާފައި ވަނީ ރޭ ’ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް‘ އިފްތިތާހުކޮށްދެއްވާ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް މި ސަރުކާރުގެ އެންމެ މައިގަނޑު މަޤްސަދަކީ މި ޤައުމުން ކޮރަޕްޝަން ނައްތާލުން ކަމުގައި އެ މަނިކުފާނު ވިދާޅުވެފައި ވާތީ އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
މިކަމަށް އިޝާރާތްކޮށް އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
“ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު. ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު. ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ޚިދުމަތުގެ ފެންވަރު މަތީ ނިޒާމް“ ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ މިއީ ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމެއް ކަމަށާއި އަދި މިއީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމެއް ކަމަށެވެ.
ހަމައެހެންމެ މިއީ ރައްޔިތުން އެދޭ އަމާޒު ކަމަށާއި މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.




