އަނިޔާ ލިބެމުންދާ ކުދިން ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތް ބަދަލުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން މި މަހުގެ 10 އިން 12 އަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކަމަނާ ވިދާޅުވީ މިއަދު ކުށުގެ މާޙައުލުގައި ތިބި ކުދިންނަކީ އިއްޔެ އަނިޔާ ލިބެމުންދިޔަ ނުވަތަ ވިކްޓިމުންގެ ގޮތުގައި ތިބި ކުދިންކަމުގައި ވުމުން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ކަންކަން ނިންމާއިރު މި ޙަޤީޤަތް ޤަބޫލުކުރައްވަންވާނެ ކަމަށެވެ.
އެގޮތުން ހަޤީޤީ ހާދިސާތަކުން މިސާލު ޖައްސަވައި އެ ކަމަނާ ވަނީ، މަރުގެ މައްސަލައެއްގައި ހައްޔަރު ކުރެވުނު 14 އަހަރުގެ ކުއްޖެއް، އޭނާ ހައްޔަރު ކުރުމުގެ ކުރިން 191 ފަހަރު ކަމާބެހޭ އިދާރާތަކާ މުޢާމަލާތް ކުރެވިފައިވާ މައްސަލައަކާއި، މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ތަހައްމަލުކުރަމުން އައި 15 އަހަރުގެ ކުއްޖަކަށް ދައުވާ ކުރެވުނު މައްސަލައެއްގައި އެތެރެއިންނާއި ރާއްޖެއިން ބޭރުން އައި ޕްރެޝަރާއެކު އެކުއްޖާ މިނިވަންވި މައްސަލައެއްގެ ވާހަކަ ހިއްސާކުރައްވާފައެވެ.
މި މައްސަލަތަކުން ރަމްޒުކޮށްދެނީ ކުދިންގެ ރައްކާތެރިކަމަށާއި އަވަސް ފިޔަވަޅުއެޅުމުގައި ނިޒާމީގޮތުން ފެއިލްވެފައިވުން ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.
”ސްކޫލްތަކާއި މައިންބަފައިން އަދި އަދުލު އިންސާފު ގާއިމުކުރާ މުވައްސަސާތަކުން އެ ކުދިންގެ ފަރާތުން ފެންނަ އިންޒާރުގެ ނިޝާންތައް ދެނެގަނެ އެކަމަށް އަވަސް އިޖާބައެއް ދޭން ޖެހޭ“ މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އަނިޔާވެރި ކުށްތައް މަދުވެފައި، ޖަލު ބަންދަށް ގެންދާ ނިސްބަތް މަތިކަމަށާއި ސިޔާސަތު ހަރުދަނާކުރަން އެތައް އަހަރު ހޭދަކުރި ނަމަވެސް ޒުވާން އުމުރުގައި ކުށުގެ ވެށީގައި އުޅުމުން އެކަމުގެ އަސަރު ޖީލުތަކަށް ދެމިގެންދާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
”މިކަމަށް ޙައްލު ހޯދުމަށްޓަކައި ގެންގުޅޭ ވިސްނުން ބަދަލުކޮށް، އާއިލީ ބައިވެރިވުން ހަރުދަނާކޮށް، ޚާއްޞަކޮށް ބައްޕައިން ޝާމިލުވާ މިންވަރު އިތުރުކޮށް، މުވައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރަންޖެހޭ“ އެކަމަނާ ވިދާޅުވިއެވެ.
ހަމައެހެންމެ ނިޒާމުގައި ހުރި އެކިއެކި ފޫނުބެދޭ ކަންކަމާއި ހުރެ ކުށުގެ ވެއްޓަށް ކުދިން ވަނުމަށް ހުރި ފުރުސަތުތައް ނައްތާލައި، އެ ކުދިން އެކަމުގެ ތެރެއަށް ވައްދާ ފަރާތްތައް ޖަވާބުދާރީ ނުވެ ދިއުން ހުއްޓުވުމަށް، ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެކަމަނާގެ މި ގޮވާލުމަށް ބޮޑު ތަރުހީބެއް، ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި ޤާނޫނީ ފަންނުގެ ބޭފުޅުންގެ އިތުރުން އިޖުތިމާޢީ ޚިދުމަތްތެރިންގެ ފަރާތުން ލިބިވަޑައިގެންނެވިއިރު އެ ބޭފުޅުންވެސް ވަނީ ކުޑަކުދިން ހިމާޔަތްކޮށް، ރިހެބިލިޓޭޓްކޮށް، ބާރުވެރިކޮށްދޭ އަދުލު އިންސާފުގެ ނިޒާމެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.




