ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދަކީ މަންމައިންގެ ދުވަސް ކަމުގައިވާތީ މިދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވީ، މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީއަކީ މައިވަންތަކަމުގެ ލޯބި ކަމަށެވެ. އަދި ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ ވެސް މަންމައިން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގޮތުން މަންމައިންގެ ދުވަސް އާންމު ގޮތެއްގައި ފާހަގަ ކުރަނީ، ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ދެވަނައަށް އަންނަ އާދީއްތަ ދުވަހެއްގައެވެ. އެގޮތުން މިއަހަރު މިދުވަސް ދިމާވެފައިމުވަނީ މެއި 11 އަށެވެ.
ނަމަވެސް ބައެއް ޤައުމުތަކުން މިދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް މާރިޗް މަހުގެ 8ވަނަ ދުވަހު، އަންހެނުންގެ ދުވަހާ އެއްކޮށެވެ. މީގެއިތުރުން ޢަރަބި ބައެއް ޤައުމުތަކުން މިދުވަސް މާރިޗް 21 ގައި ފާހަގަ ކުރާއިރު، އާޖެންޓީނާގައި މަންމައިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހު އަންނަ ތިންވަނަ އާދީއްތަ ދުވަހުގައެވެ. މެކްސިކޯގައި މިދުވަސް އިއްޔެ ވަނީ ފާހަގަ ކޮށްފައެވެ.



