ޖެނެރޭޝަން ބޭންއެއް ކަނޑައެޅުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރަން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޝްރަގު ހުށަހެޅުއްވި މި ބިލު ދިރާސާކުރަން މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
އެ ކޮމިޓީން ދިރާސާ ކުރުމަށް ފަހު، މިއަދު ވަނީ ބިލުގެ މަސައްކަތް ނިންމާލާފައެވެ.
އެ ބިލުގައި ބުނީ އަންނަ ނޮވެމްބަަރު މަހުގެ އެކަކުން ފެށިގެން ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި އޭގެ ވިޔަފާރީގައި ވެސް ބައިވެރިކޮށްގެން ނުވާނެ ކަމަށާއި މިހާރު ވެސް އޮންނަ ގޮތަށް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށެވެ.



