މުޒާހަރާތައް ކަަވަރު ކުރާ ނޫސްވެރިން ސަމާލުކަންދޭންވީ ކަންތައްތަކެއް ފުލުހުން މިއަދު ބުނެދީފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެެއްގައި ވަނީ އެއްވުންތައް ކަވަރުކުރާ ނޫސްވެރީން ފުލުހުންގެ ސަފުތަކުގެ ތެރެއަށް ނުވަނުމަށް އެދިފައެވެ.
އެގޮތުން ފުލުހުންގެ ސަފުތަކާއި ނޫސްވެރިންނާ ދެމެދު އެކަށީގެންވާ ދުރުމިނެއް ބަހައްޓައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ އެދިފައިވެއެވެ.
ހަމައެހެންމެ އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކޮށްފައިވާ އެކްރެޑިޓޭޝަން ކާޑު ކާޑުގެ މުއްދަތު ހަމަނުވާކަން ކަށަވަރު ކުރަން ފުލުހުން ވަނީ އެދިފައެވެ.
އަދި އަބަދުވެސް އެ ކާޑު ފެންނަ ގޮތަށް ހަށިގަނޑުގައި ހަރުކޮށްގެން މުޒާހަރާގައި ހަރަކާތްތެރިވާން ފުލުހުން ވަނީ އެދިފައެވެ.
އެކްރެޑިޓްކޮށްފައިވާ ފާސް ނެތް ނަމަ، އެ ފާސް ލިބެންދެން، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ނޫސްވެރިއަކު ތަމްސީލުކުރާ މީޑިއާއެއްގެ ފާސް އެއްވުންތައް ކަވަރު ކުރުމުގައި ބޭނުން ކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ވަނީ ފުލުހުން ހަރަކާތްތެރިވާ ސަރަހައްދުގައި ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅޭ ގޮތަށް ހަރަކާތްތެރި ނުވުމަށް ނޫސްވެރިންނަށް އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ ފުލުހުން އެގޮތަށް އަމަލުކުރުމުން، ނޫސްވެރިންގެ މަސައްކަތަށްވެސް ލުއިފަސޭހަކަން ލިބި، ރައްކާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިވާނެ ކަމަށާއި މިކަމުގެ ސަބަބުން ފުލުހުންނާއި ނޫސްވެރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ހަރުދަނާވެ ދެފަރާތުގެ މަސައްކަތަށް ފަހިކަން ލިބިގެންދާނެ ކަމަށެވެ.
ޒުވާން އަންހެންކުއްޖަކު މާލޭގެ އިމާރާތަކުން ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގު ކުރިމަތީގައި ޒުވާނުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.



