1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާއި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމިކް މިނިސްޓްރީގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަހީމް ވަނީ ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭތޯ ޔަޤީން ކުރުމަށް ނަސޭޙަތްތެރިވެލައްވާފައި ކަމަށެވެ.
އަދި ދިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ޙައްލު ހޯދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި ޙައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް އެ ބޭފުޅުންގެ ކިބައިން އެދިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިންގެ ކަންކަން ވީހާވެސް ގާތުން ބެލުމަށް ސަޢުދީ ޢަރަބިއްޔާގައި ހަރަކާތްތެރިވާ ދިވެހި ޙައްޖު މިޝަންގައި ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، މެޑިކަލް ޑޮކްޓަރަކާއި، ދީނީ ޢިލްމުވެރިންގެ އިތުރުން ފަބްލިކް ސާވިސް މީޑިއާގެ ފަރާތުންވެސް ބޭފުޅަކު ހިމެނޭ ކަމަށެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.



