ހުޅުމާލޭގައި ހުންނަ ފިޒިއޯ ކްލިނިކް-މޯލްޑިވްސްއަށް ތެރަޕީއަށް ދިޔަ ކުއްޖަކަށް އަނިޔާ ލިބޭ ގޮތަށް މުވައްޒަފަކު އަމަލުކުރުމުން އެ މުވައްޒަފާއި އެ ވަގުތު އެ ތަނުގައި ދެން ހުރި މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ކްލިނިކުން ބުނެފިއެވެ.
އެ ކްލިނިކުން މިހެން ބުނެފައި މިވަނީ އެ ތަނަށް ތެރަޕީއަށް ދިޔަ ކުއްޖަކު ހިފެހެެއްޓުމުގެ ތެރޭގައި އަނިޔާކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ވީޑިއޯއަކާއި ފޮޓޯތަކެއް ދައުރުވެފައި ވާތީ އެކަމާއި ގުޅިގެންނެވެ.
މި މައްސަލަ ފުލުހުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފިޒިއޯ ކްލިނިކުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކްލިނިކްގެ މުވައްޒަފުގެ ފަރާތުން ފެނިފައިވާ އަމަލުތަކަކީ ބަލައިގަނެވޭނެ ފަދަ އަމަލުތަކެއް ނޫން ކަމަށެވެ.
އަދި އެއީ އެ ކްލިނިކުން ދަމަހައްޓާ މިންގަނޑުތަކާ މުޅިން ޚިލާފު އަމަލުތައް ކަމަށާއި އެ މައްސަލަ ކްލިނިކްގެ ސަމާލުކަމަށް އައުމާއެކު ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
”ކުއްޖާ ހިފަހައްޓާތަން ފެންނަ މުވައްޒަފާއި އެވަގުތު އެ ތަނުގައި ހުރި ދެވަނަ މުވައްޒަފުވެސް މިހާރު ވާނީ މަގާމުން ވަކިކޮށްފައި، ލަސްނުކޮށް ވަގުތުން ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށްފަހު ތަހުގީގަށް އެހީތެރިވުމުގެ ގޮތުން ކަމާގުޅުންހުރި ހުރިހާ ސީސީޓީވީ ފުޓޭޖެއް ވަގުތުން ވަނީ ހަވާލުކޮށްފައި“ އެ ކްލިނިކުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މައްސަލައިގެ ސީރިއަސްކަމަށް ބަލައި އެ ކްލިނިކްގެ އިމާރާތް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ފިޒިއޯ ކްލިނިކުން އެންމެ އިސްކަންދޭ ކަމަކީ ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރި، އިޙުތިރާމު ލިބިދެވޭ މާހައުލެއް ގާއިމުކުރުން ކަމަށާއި ތެރަޕީ ރޫމްތަކުގެ ވީޑިއޯ ލައިވްކޮށް ބެލުމުގެ ފުރުސަތު ބެލެނިވެރިންނަށް ދޭކަން އެ ކްލިނިކުންވަނީ ހާމަކޮށްފައެވެ.
ހަމައެހެންމެ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެ މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް އެ ކްލިނިކުން ވަނީ ބުނެފައެވެ.



