ދިވެހި ރާއްޖެއަށް ދަތުރުނުކުރަން އަންގާ ސިންގަޕޫރުގެ ސަރުކާރުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައި ނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ދިވެހިރާއްޖޭގެ ބައެއް މީޑިއާ ތަކުގައި ޝާއިޢުކުރަމުންދާކަމަށެވެ.
ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން ވަނީ އެ މިނިސްޓްރީއަށް ކަށަވަރުކޮށްދީފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
އެގޮތުން، ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަން އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ޤައުމުތަކާގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިޞާދަށް ކުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ޤައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.




