މި ސަރުކާރު އައި އިރު ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އިހްސާން މިހެން ވިދާޅުވެފައި ވަނީ ”މޯލްޑިވްސް 2.0″ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިހުސާން ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން ދައުލަތުގެ ގިނަ އިދާރާތަކުގައި ހުރީ އެތަނަކުން ދޭ ހިދުމަތް ފޯމުތައް ފުރައި އީ-މެއިލް މެދުވެރިކޮށް ހިދުމަތަށް އެދެވޭ ގޮތް ހަދައިފައި ކަމަށެވެ.
”އެއް އިދާރާއަކުން ދޫކުރާ ހުއްދަ ނުވަތަ ސެޓްފިކެޓުގެ ކޮޕީ އަނެއް އިދާރާގެ ޕޯޓަލްއަށް އަޕްލޯޑު ކުރަން ޖެހޭ، އެ ވެރިފައި ކުރުމަށް ދެ އިދާރާގެ މެދުގައި އަނެއްކާ މުއާމަލާތްތައް ކުރަން ޖެހޭ“ މި ސަރުކާރު އައުމުގެ ކުރިން ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ މިފަދަ ހާލަތެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭރު ދައުލަތުގެ ކޮންމެ އިދާރާއެއްގައި ހުންނަނީ ވަކި ޑޭޓާބޭސްއަކާއި ސްޓޯރޭޖު ނިޒާމުތަކެއް ކަމަށާއި އެ ނިޒާމުގެ ޓްރޭސިބިލިޓީ އަދި ޒިންމާދާރު އޮޑިޓެއް ނުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ސިސްޓަމްތަކުގެ ހުރިހާ ޑޭޓާއެއް ރައްކާތެރިކަމާއި ސަލާމަތްތެރިކަމާ އެކު ހުރިކަން ކަށަވަރެއް ނުކުރެވޭ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އިހްސާން ވިދާޅުވީ ހިދުމަތަށް އެދުމަށް ފަހުގައި ދަންނަ މީހާ ނުވަތަ ފައިސާ އަށް އަވަސްކޮށްދީފާނެ ކަމަށް ގަބޫލުކުރެވޭ މީހާއަށް ގުޅަން ޖެހޭ ސިޔާސަތެއް އޭރު އޮތް ކަމަށެވެ.
މީގެ އިތުރުން އެއީ ހަރަދު ބޮޑު ދެފުށް ނުފެންނަ ކޮރަޕްޝަނަށް އާދަޔާ ހިލާފަށް މަގުފަހިވާ ގޮތަށް އޮތް ނިޒާމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އިހްސާން ވިދާޅުވީ 2.0 ގެ ސިޔާސަތު ދިވެހިރާއްޖެއަށް ކޮންމެހެން މުހިންމު ވަނީ އެ ސަބަބުތަކަށްޓަކައި ކަމަށާއި މި ސަރުކާރުން ”މޯލްޑިވްސް 2.0″ގެ ސިޔާސަތު ތަންފީޒުކުރަން ފެއްޓެވީ އެ ސަބަބުތަކާ ހެދި ކަމަށެވެ.


