ކުރީގެ އެމްޑީޕީގެ ސަރުކާރުން ފ. މަގޫދޫގައި އެއާޕޯޓު އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށާއި، ނަމަވެސް މި ދައުރު ނިމުމުގެ ކުރިން އެ އެއާޕޯޓުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މަގޫދޫގައި އަޅަން ފަށާފައިވާ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ މާރިޗް މަސް ތެރޭގައެވެ. އަދި އެ މަސައްކަތް ކުރަން އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް މިސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
”މަގޫދޫ އެއާޕޯޓު މަސައްކަތް އިރާދަކުރެއްވިއްޔާ މި ދައުރު ތެރޭގައި ނިންމާފައި ހުޅުވާނަން،“ މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، އެ އެއާޕޯޓުގެ މަސައްކަތް ނިންމުމުގައި ލަސްތަކެއް އައިސްފައިވާކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް، ކުރީގެ އެމްޑީޕީގެ ސަރުކާރުން މަގޫދޫގައި އެއާޕޯޓު އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށެވެ.
މަގޫދޫ އެއާޕޯޓު މަޝްރޫއަަކީ ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.




