ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަދޭން ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް، މިއަދު ވިދާޅުވީ އެއީ އަތޮޅުތަކުގައި ހުތުބާ ކިޔާނެ މީހުން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމަކީ ކައުންސިލަރުންނަށް ޚާއްޞަ ޕްރޮގްރާމެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މި ކޯހުގައި ބައިވެރިވާން ހުޅުވާލާނީ އަންނަ ޖޫން މަހުގެ އެއްވަަނަ ދުވަހުން ފެށިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ކައުންސިލަރުންގެ ތެރޭގައި އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ޚަތީބު ކަމުގެ ތިން މަސް ދުވަހުގެ ކޯހެއް ގުރުއާނާ ބެހޭ މަރުކަޒު މެދުވެރިކޮށް ހިންގަން ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ހަމައެހެންމެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އެ ކޯހުގައި ޚަތީބު ކަމަށް ބޭނުންވާ ފިގުހާއި ގުރުއާނާއި އަގީދާ އާއި ހަދީސް ކިޔަވައިދޭނެ ކަމަށާއި އެ ކޯހުގައި ގުރުއާން ފިޔަވައި އެހެން މާއްދާތައް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ ގުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެެ އައިސްގެން ނުވަތަ އަތޮޅުތަކުގައި ގުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށް ކަމަށެވެ.
އަދި މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.



