ހ. މިޓާޒްގޭ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލަ ތަހުގީގު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން އެ މައްސަލައިގެ ތުުހުމަތުގައި ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް 21އ އާ ސުވާލުކޮށްފިއެވެ.
މި ހާދިސާ ތަހުގީގު ކުރައްވަން ފަސް މެންބަރުނަ ހިމެނޭ ކޮމިޝަނެއް ރައީސް މުޢިއްޒު އުފެއްދެވީ މިދިޔަ މަހުގެ 28 ގައެވެ.
އެ ކޮމިޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރައުދުއާ ބައްދަލުކޮށް އޭނާއާ ސުވާލު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހިއްސާކޮށްފައެއް ނުވެއެވެ.
އެ ކޮމިޝަނުން އިއްޔެ ބުނީ އެ މައްސަލައާ ގުޅުންހުރި ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުުނު މައްސަލައިގައި ރައުދު އަހުމަދު ޒިލާލުއަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ތަހުގީގަށް އޭނާ މި ވަގުތު ބަންދުކޮށްފައި ހުރީ ދޫނިދޫ ޖަލުގައެވެ.




