ސިޔާސީ ފަރާތްތަކުން ފުލުހުންގެ މުއައްސަސާއާ ”ތޮޅޭ ތޮޅުން: ހުއްޓާލަންޖެހޭ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިހްސާން މިހެން ވިދާޅުވީ ރޭ ކުރިއަށްގެންދިޔަ 5 ވަނަ އަހާ ފޯރަމްގައި އެމަނިކުފާާނާއި އަމާޒުކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ފޯރަމްގައި، ފުލުހުންގެ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަކީ ކޮބައިތޯ މީހަކު ވަނީ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.
އެއަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި ކޮންމެ ބަޔަކު ވެސް އިދިކޮޅުގައި ތިބޭއިރު ފުލުހުންނާ ދިމާކުރާ ކަމަށެވެ.
”ޑިމޮކްރޮސީގެ ތެރެއިން އަދާކުރަންޖެހުނު އެންމެ ބޮޑު އަގަކީ މުއައްސަސާތަކުގެ ކަރާމާތް ނަގާލުން“ މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ އެގޮތަށް ކަންކުރަމުން ގޮސް ފުލުހުންގެ އިދާރާގެ އަގު ވެއްޓުމުގެ ދެބައިކުޅަ އެއްބައި ގޮސްފައިވާ ކަމަށާއި އެ ހިދުމަތުގެ ތެރޭގައި ޕްރޮފެޝަނަލްކޮށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭތީ ވެސް ބައެއް ކަންކަން ދިމާވާ ކަަމަށެވެ.
މީގެ އިތުރުން ރޭގެ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި ފުލުހުންގެ މުއައްސަސާއާމެދު ހަގީގަތެއް ނެތް ގޮތަށް ވާހަކަ ދެކެވެމުން ވަރަށް ކަންބޮޑުވިކަން ފާހަަގަކުރައްވާފައެވެ.
އަދި އެ މައްސަލައިގައި ފުލުހުން އަމަލުކުރަނީ ކަނޑައަޅާފައި ހުރި ގަވައިދުތަކުގެ ތެރެއިން ކަމަށާއި އެއްވެސް އިދާރާއަކުން ވެސް މިހާތަނަށް ފުލުހުންގެ މައްސަލައެއް އުޅޭ ކަމަށް ފާހަގަކޮށްފައިނުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.



