ނުހަނު ކުޑައިރު ފޯނާއި އެނޫންވެސް އިލެކްޓްރޯނިކް ސާމާނު ގެންގުޅުމަކީ މިޒަމާނުގައި އައު ކަމެއް ނޫނެވެ. ގިނަ ކުޑަކުދިން އެފަދައިން ފޯނުފަދަ ތަކެތި ގެންގުޅުމަކީ އުމުރުން ދުވަސްވީ މީހުންނަށް އެހާ ކަމުދާވެސް ކަމެއް ނޫނެވެ. އެކަމާ ނުރުހުން ފާޅުކޮށް ގިނަ މީހުން ވާހަކަވެސް ދައްކައެވެ.
އެ ލިސްޓަށް މިހާރު އިތުރުވީ އެއް ނަމަކީ ބޮލީވުޑާ އަލަށް ގުޅުނު ތަރި އިބްރާހިމް އަލީ ޚާން އެވެ.
ބޮލީވުޑްގެ ތަރިންކަމަށްވާ ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދޮށީ ފިރިހެން ދަރި އިބްރާހިމް ބޮލީވުޑާ ގުޅުނީ މިދިޔަ އަހަރު ފަހުކޮޅު، ކަރަން ޖޯހަރްގެ އުފެއްދުމެއް ކަމަށްވާ ”ނާދާނިޔާ“ އިންނެވެ.
އޭގެކުރިން އިންޓަވިއުތައް ދިނުމުންނާއި ނޫސްވެރިންނާ ވެސް ދުރުގައި އުޅުނު އިބްރާހިމް ދާދިފަހުން ”ފިލްމީ ގިޔާން“ އަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ ކޮއްކޮމެން ކަމަށްވާ ތައިމޫރް އަލީ ޚާންއާއި ޖޭހް އަލީ ޚާންއާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ.
އެގޮތުން ތައިމޫރްގެ އުމުރުން މިހާރު އެންމެ 8 އަހަރުގައި އަދި ޖޭހްގެ އުމުރުން އެންމެ 4 އަހަރުގައި ވެސް ފޯނާއި އައިޕެޑް ގެންގުޅޭތީ އެކަމާ ހިތްހަމަ ނުޖެހޭ ކަމަށް އިބްރާހިމް ބުންޏެވެ.
އިބްރާހިމް ބުނީ، އެއީ އޭނާއަށް އެއުމުރުގައި ލިބުނު ތަކެއްޗެއް ނޫން ކަމަށާއި ނަމަވެސް ތައިމޫރްއާއި ޖޭހް ގެއަށް ދިޔުމަަށްފަހު އަބަދުވެސް ތިބެނީ އެތަކެތި ނަގައިގެން ކުޅެން ކަމަށެވެ. އެއީ ރަނގަޅުކަމެއް ނޫން ކަމުގައާއި އެ އުމުރަކީ ފޯނުފަދަ ތަކެއްޗާ ކުޅުމުގެ ބަދަލުގައި ޅައުމުރު ރަނގަޅު ގޮތުގައި ހޭދަކުރަންވީ އުމުރު ކަމުގައި ވެސް އިބްރާހިމް ބުންޏެވެ. މީގެއިތުރުން އިބްރާހިމް ވަނީ، މީޑިއާތަކުން އޭނާގެ ކޮއްކޮމެންގެ ފޮޓޯ އަބަދު ނަގާތީ، އެކަންވެސް ކުށްވެރި ކޮށްފައެވެ. އެގޮތުން އެކުދިން ގެއިން ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު އެފަދައިން ފޮޓޯ ނެގުމަކީ އެކުދިން ބައެއް ފަހަރު ބިރުގަންނަ ކަމެއް ކަމުގައިވެސް އިބްރާހިމް ބުންޏެވެ.




