ސޯޝަލް މީޑިއާގައި ވަރަށް ހަލުވިކަމާއެކު ހަރަކާތްތެރިވާ ”ހަސަން ކުރުސީ“ ގެ ”އެކްސް“ އެކައުންޓު އަނެއްކާވެސް ސަސްޕެންޑު ކޮށްފިއެވެ.
ކާކުކަން ނޭނގޭ ގޮތަށް ގިނަ މައުލޫމާތުތަކަކާއި، ބައެއް ފަހަރު ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކުގެ އިތުރުން ސަރުކާރާއި ބައެއް އިސްވެރިންނަށް ވެސް ފާޑުކިޔުމުގައި ހަރަކާތްތެރިވާ ކުރުސީގެ އެކައުންޓު މީގެކުރިންވެސް ވަނީ ތިންވަރަކަށް ފަހަރު ”އެކްސް“ އިން ސަސްޕެންޑު ކޮށްފައެވެ. ނަމަވެސް އޭނާގެ އެ އެކައުންޓު މާގިނަ ވަގުތެއްނުވެ އެކްޓިވްވާކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.
ކުރުސީގެ ”އެކްސް“ އެކައުންޓު މިފަހަރު ސަސްޕެންޑު ކޮށްފައިވާކަން އެނގިފައިވަނީ މިއަދުއެވެ. އޭނާއަކީ ސީދާ ކާކުކަން އެއްވެސް ފަރާތަކަށް ހެއްކާއެކު އަދި ޔަގީން ނުވިނަމަވެސް، ގިނަ ބަޔަކު އޭނާ ސޯޝަލް މީޑިއާއިން ފޮލޯ ކުރެއެވެ.

ސޯޝަލް މީޑިއާގައި ބައެއްފަހަރު އޭނާ ހިއްސާކުރާ ވާހަކަތައް ގިނަ މީހުންނަށް ކަމުނުދިޔަ ނަމަވެސް، މިދިޔަ މަހު 18ވަނަ ދުވަހު އިމާރާތެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ކުރުސީ ހިއްސާކުރި މައުލޫމާތުތަކުގެ ސަބަބުން، ގިނަ ބަޔަކު އޭނާއަށް ތަރުހީބުދީ ސަނާކިޔަން ފެށިއެވެ. އަދި ކުރުސީއަކީ ”ކޮންފިޑެންޝަލް“ މައުލޫމާތުތަކެއް އެނގޭ މީހެއްކަމަށް ގިނަ ބަޔަކަށް ވަނީ، އޭނާ ހިއްސާކުރާ މައުލޫމާތުތަކުގެ ސަބަބުން ޤަބޫލުކުރެވިފައެވެ.
ހަސަން ކުރުސީއަކީ ކުރީގެ ރައީސެއް ނުވަތަ ލީޑަރެއްކަމަށް ގިނަ ބަޔަކަށް ވަނީ ޤަބޫލު ކުރެވިފައެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަން މިހާތަނަށް ސާބިތު ކޮށްދެވިފައެއް ނުވެއެވެ. ސަރުކާރާ ދެކޮޅު އެކިކަހަލަ ވާހަކަތައް ފެތުރުމުގެ ސަބަބުން 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވެސް ވަނީ، އެ އައިޑީގެ ފަހަތުގައިވާ މީހަކު ހޯދުމަށް އަމުރުކޮށްފައެވެ.




