އިއްޔެއަކީ ބައިނަލްއަގުވާމީ ގޮތުން ނަރުހުންގެ ދުވަހެވެ. ނަރުހުންގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ތައުރީފު ބަސްކޮޅެއް ވަކިން ޚާއްސަކޮށް އިއްވާލަންވީ ދުވަހެވެ. ނަމަވެސް ރާއްޖޭގައި، ބައެއް މީހުން އިއްޔެ އަމަލު ކޮށްފައިވަނީ މުޅިން އިދިކޮޅަށެވެ. ފިރިހެން ނަރުހަކަށް ސޯޝަލް މީޑިއާގައި، ފުރައްސާރަކޮށް އެމީހުންވަނީ އެ ނަރުހަށް ވަރަށް ބޮޑަށް ގަނާ ކޮށްފައެވެ.
އައިޖީއެމްއެޗްގެ ރެޖިސްޓަރޑް ނަރުހެއްކަމަށްވާ އަހްމަދު އަމާން ”މެންދުރު ޓީވީ“ އަށް ދިން އިންޓަވިއު އިއްޔެ ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކޮށްފައިވާއިރު، އޭނާ ވާހަކަ ދެއްކި ގޮތާއި ފިރިހެން ނަރުހަކަށްވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް، ކޮމެންޓު ކޮށްފައެވެ.
އެގޮތުން ބައެއް މީހުން އަމާން އަކީ ”ރަނޑެއް“ ކަމަށް ބުނެ، ފިރިހެނަކަށް ވެސް ނުވާ ކަމުގައި ބުނެފައިވެއެވެ. އަދި ބައެއް މީހުން އޭނާއަށް ގަނާ ކުރުމަށް ކިޔާފައިވާ އެއްޗެއްސަކީ، މިފަދައިން ޚަބަރެއްގައި ނުވަތަ އާޓިކަލެއްގައި ނުލިޔެވޭނެހާވެސް ހުތުރު ބަސްތަކެވެ. ރާއްޖެފަދަ ”ގަނާ ކުރުމާ ދެކޮޅު“ ޤައުމެއްކަމަށް ވަކާލާތުކުރާ ތަނެއްގައި މިފަދަ ނާތަހުޒީބު ބަޔަކު ތިބުމަކީ ދެން ތިބި ދިވެހިންނަށް ވެސް ލަދެކެވެ.
އަމާންއަށް ގަނާ ކޮށްފައިވާ އެ ކޮމެންޓުތަކާ ދެކޮޅަށް ވެސް ގިނަ ބަޔަކު ނިކުތެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެކަކީ، އަމާންގެ މަންމަ ރާބިއާ މުޙައްމަދު އެވެ.
ރާބިއާ ބުނީ، އޭނާގެ ދަރިފުޅަށް މީހުން އެފަދައިން ފުރައްސާރަކުރުމަކީ އައު ކަމެއް ނޫން ކަމަށާއި އަދި އެފަދަ މީހުން ދައްކާ ވާހަކަތަކަށް އަޅާނުލައި ކުރިއަށް ދާންވެސް އޭނާގެ ދަރިފުޅަށް އެނގޭނެ ކަމަށެވެ. އަދި އެ ދަރިފުޅާމެދު އަބަދުވެސް ފަޚުރުވެރިވާ ކަމަށް ވެސް އަމާންގެ މަންމަ ބުނެފައިވެއެވެ.
”ބުލީ ކޮށްގެން އަޅުގަނޑުގެ ދަތިފުޅެއް ނުސިހޭނެ! ދަރިފުޅާ ދޭތެރޭ އަބަދުވެސް ފަޚުރުވެރިވަން!“ ރާބިއާ ބުނެފައިވެއެވެ.
އަމާންގެ މަންމައާ އެއްފަދައިން އެހެން ގިނަ މީހުންވެސް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އަދި ފިރިހެން ނަރުހަކަށްވުމަކީ މައްސަލައެއް ނޫންކަމަށް ބުނެ އަމާންއަށް ހިތްވަރުދީ، އުފެދުމުގައިވެސް ބައެއް މީހުންނަކީ ވާހަކަ ދެއްކުމުގައި ވަކި ކަހަލަ ގޮތެއް ހުރެދާނެ ބައެއްކަން ގިނަ މީހުންވަނީ ފާހަގަކޮށް އަމާން ދިފާއު ކޮށްފައެވެ.



