ހުޅުމާލޭ ރީތިގަސްމަގުން ކާރަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 84 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަނުގައި އަމީން އެވެނިއު މެޕަލް ކުރިމަތިން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު ކަޅުކުލައިގެ ކޮތަޅުތަކެއްގައި ހުރި ފޮށިގަނޑުތަކެއް ކާރުގެ ޑިކީ ތެރެއިން ފެނިފައިވާ ކަމަށާއި އެ ފޮށިގަނޑުތައް ބަލައި ފާސްކުރިއިރު 84 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން، ކާރު ދުއްވި މީހާ ހައްޔަރުކޮށް އެ ކާރު ވަނީ ޓޯވކޮށްފައެވެ. މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ލާމިގެ، މާލެ، މުޙައްމަދު އުޝާން (46އ) އެވެ.
މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




