ސައުތު ރީޖަންގެ ރަށްތަކުގައި މަގުތައް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިވަގުތު ކުރަމުން އަންނަ މަސައްކަތްތަށް ހާމަކޮށްފިއެވެ.
އާރްޑީސީން ރޭގައި ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސައުތު ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، ތިން ރަށެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ.
އެ ތިން ރަށަކީ ތ. ތިމަރަފުށި، ގއ. ވިލިނގިލި ފޭސް 2 އަދި ލ. ގަން ފޭސް 2 އެވެ.
އެގޮތުން ތިމަރަފުށީގައި މިވަގުތު އާރްޑީސީން ކުރިއަށް ގެންދަނީ އެރަށު ބުރެވުމާ ގޯޅީގައި ދުވާރު އެޅުމުގެ މަސައްކަތެވެ. އަދި އެ ރަށު ސޯސަން މަގުގައި ކޭބަލް ޖަންކްޝަން ޓޮޕް ލެވެލް ކުރުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން މިވަގުތު ދަނީ ކުރަމުންނެވެ.
ވިލިނގިލީ ފޭސް 2 ގައި ކުރިއަށް ދަނީ އެ ރަށު މުދިން ހަސަން ކަލޭފާނު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތެވެ.
ގަން ފޭސް 2 ގައި ކުރިއަށް ދަނީ އެ ރަށު ސަރަހައްދީ މަގުގެ، މަގު ކޮނުމާއި ބެކް ފިލިންގްގެ މަސައްކަތުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި މަގު ސާފު ކުރުމުގެ މަސައްކަތެވެ.



