މިއަހަރުގެ މާރިޗް މަހުގެ 12ވަނަ ދުވަހުގެ ރޭ ދަންވަރު ގަޑީގައި، ބިދޭސީންތަކެއް ދިރިއުޅެމުންދާ ގެއެއްގައި މޯލްޑިވްސް އިމިގްރޭޝަނުން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައީ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ އުސޫލުތަކާ ޚިލާފަށް، ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތަކާއި ލިޔެކިޔުންތައް ވެސް ފުރިހަމަ ނުކޮށް ކަމުގައި ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވީ ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު ބަންދުން ދޫކޮށްލި ކަމަށް، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދާއި އެ އިދާރާގެ އިތުރު ހަތަރު މުވައްޒަފެއްގެ މައްޗަށް އުފުލާފައިވާ ތުހުމަތުގެ މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު އަޒްމަތު ޢަބްދުﷲ ވިދާޅުވީ، އިމިގްރެޝަންގައި އާންމުކޮށްފައިވާ އުސޫލުތަކުގެ ދަށުން މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމުގެ މަސްޢޫލިއްޔަތު ލިބިފައިވަނީ ރިސްކް މެނޭޖްމަންޓް ސެކްޝަން އަދި އެންފޯސްމަންޓް އެންޑް ޗޮމްޕްލެއިންޓްސް ޑިވިޝަންއިން އުފައްދާ ޓާސްކް ފޯހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށާއި މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔުމުގެ ކުރިން، އަދި ކުރިއަށް ގެންދާއިރު ފުރިހަމަ ކުރަންޖެހޭ ޚާއްސަ އިޖުރާޢަތްތަކެއް އޮންނަ ކަމަށެވެ.
އެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ތިން މުވައްޒަފުންނަކީ ގ. ހެޕީސައިޑް އިބްރާހިމް އަހްމަދު (37އ.) އާއި މ. ހާޒާރީވިލާ އަހްމަދު ލައްސާން (40އ.) ގެ އިތުރުން ތ. ބުރުނި މޫނިމާގެ / މުޙައްމަދު އަލްސަން އިސްމާއިލް (21އ.) ކަމުގައި ފުލުހުން ވިދާޅުވިއެވެ.
މި މުވައްޒަފުންނަކީ ރިސްކް މެނޭޖްމަންޓް ސެކްޝަން އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލެއިންޓްސް ޑިވިޝަނުން އުފައްދާ ޓާސްކް ފޯހުގައި މަސައްކަތްކުރާ ނޫން ކަމަށާއި އެހެންކަމުން މި މުވައްޒަފުންނަކީ އިސްވެ މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ މަސްޢޫލިއްޔަތު ލިބިގެންވާ މުވައްޒަފުންތަކެއް ނޫން ކަމުގައި ވެސް ފުލުހުން ފާހަގަ ކުރެއްވިއެވެ.
”މި ރެއިޑް އޮޕަރޭޝަނުގައި އެގެއިން ބިދޭސީންތަކެއް ހުއްޓުވައި، އެމީހުން ދިރިއުޅޭ ތަނާއި ތަކެތި ބަލައިފާސް ކުރުމަށްފަހު، އޮޕަރޭޝަނާ ގުޅޭ މައުލޫމާތު އެއިރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދުއަށް ދިނުމުން، އޭނާގެ އިރުޝާދުގެ މަތިން ރިސްކު މެނޭޖްމަންޓް ސެކްޝަންގެ މުވައްޒަފުން އެޓެންޑުކޮށް ސީން ޕްރޮސެސް ކޮށްފައިވޭ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޝަމްޢާންއަށް އެނގިގެން ދުރާލައި ރޭވިގެންކަން ތަހުގީގަށް މިހާތަނަށް އެނގޭ“ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޒްމަތު ވިދާޅުވިއެވެ.
މީގެއިތުރުން އަޒްމަތު ވިދާޅުވީ އެ ސެކްޝަންގައި މަސައްކަތް ކުރާ މުވައްޒަފުން ސީނަށް އެޓެންޑުވެ، އެ ބިދޭސީންގެ ތަކެތި ސީލް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެތަނުން އެއް ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ވެސް ހިމެނޭ ކަމުގައި އަޒްމަތު ވިދާޅުވިއެވެ.




