މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދުގެ މައްސަލައިގައި އެއްވެސް މީހަކު ފްރޭމްކޮށްފައިވާ ކަމަކަށް ފާހަގަކުރެވިފައި ނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައި ވަނީ ބޮޑެތި ތުހުމަތުތަކަކާއެކު މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށް ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި, މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލައިގައި މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔެއްގެ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން މަޤާމުން ދުރުކޮށް ބަންދުކުރުމުގައި އޭނާގެ އާއިލާއިން ތުހުމަތު ކުރަމުން އަންނަ ގޮތުގައި ޝަމްޢާން ހައްޔަރުކޮށްފައި ވަނީ ހޯމް މިނިސްޓަރު އިހްސާން އަލީގެ ކަރަޕްޝަން މައްސަލައެއް ފަޅާއަރުވާލަން މަސައްކަތް ކުރުމުން ފްރޭމްކޮށްގެން ކަަމަށް ބުނަމުން އަންނާތީ ފުލުހުންގެ ތަހުގީގުން އެއީ ފްރޭމެއް ކަންފާހަގަވެފައި ވޭތޯ ވަނީ ސުވާލުކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުތަކަށް ޖަވާބުދެއްވަމުން އޭސީޕީ އަބްދުﷲ ޝަރީފް ވިދާޅުވީ ޝަމްއާން ހައްޔަރުކުރި މައްސަލައިގައި ފްރޭމް ކުރަން އެއްވެސް ކަމެއް ކުރަން ޖެހޭ ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
”އެއްވެސް ހާލެއްގައި ވަކި މީހަކު ފްރޭމްކޮށްގެން މިކަން ހިނގާފައި އޮތް ކަމަކަށް މި ތަހުގީގުގެ މިހާ ހިސާބަށް އައި އިރު ފާހަގަ ކުރެވިފައެއް ނެތް“ އޭސީޕީ އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
އަދި އާއިލާގެ ފަރާތުން މިނިސްޓަރާއި، ޝަމްޢާނާއި ދެމެދު ހުރި ކަންތައްތަކެއްގެ ވާހަަކަދައްކާފައި އޮތް ނަމަވެސް އެ ފަދަ މަޢުލޫމާތެއްް ފުލުހުންގެ ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަަމަށް އޭސީޕީ އަބްދުﷲ ޝަރީފް ވިދާޅުވެފައި ވެއެވެ.
ބިދޭސީންތަކެއްގެ އަތުން ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްޢާން ވަކިކޮށް، މާރިޗު މަހުގެ 21ގައި ވަނީ ހައްޔަރުކޮށްފައެވެ. ފުރަތަމަ 15 ދުވަހަށް އޭނާ ބަންދުކުރުމަށް ފަހު، އެ މުއްދަތު ހަމަވުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ.




