ނެޝަނަލް އާޓް ގެލެރީގައި މިހާރު ފެށިގެން ކުރިއަށްދާ ”ޝޭޑްސް އޮފް މައިންޑް އާޓް އެގްޒިބިޝަން“ މި މަހުގެ 17 އާ ހަމައަށް ކުރިއަށްދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މިއީ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ އާޓް އެގްޒިބިޝަނެއް ކަމަށެވެ.
މި އާޓް އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފުއެވެ.
މި އެގްޒިބިޝަންގައި ފަންނުވެރިންގެ މަސައްކަތްތައް ވިއްކައިގެން އެ ފަރާތްތަކަށް އާމްދަނީ ލިބޭނެ ކަމަށް ޔޫތު މިނިސްޓްރީން ހާމަކުރެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި އެގްޒިބިޝަންގެ ތާރީހުތަކުގައި އާޓް ގެލެރީއަށް ހިލޭ ވަދެވޭނެ ކަމަށެވެ.
ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުމެވެ.



