ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބުމުގެ ސަބަބުން އިންސާނުންނަށް ކުރިމަތިވާ މެލްނިއުޓްރިޝަން ޙާލަތު ފަލަސްޠީނުގެ ޣައްޒާގައި އިތުރުވަމުންދާ ކަމަށާއި ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބަނޑުހައި ހޫނުކަމުގެ އަސަރު މުޅި ޖީލަށް ކުރާނެ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.
ޣައްޒާގެ ނަސްލު ނައްތާލުމަށް ޔަހޫދީ އިޒްރޭލުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފެށި ހަނގުރާމަ 15 މަސް ދުވަހަަށް ދިގުދެންމުމަަށްފަހު، އެ ހަމަލާތައް މެދުކަނޑާލައި ހަނގުރާމަ ހުއްޓާލަން އެއްބަސްވީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.
ނަމަވެސް އޭގެފަހުން އެ އެއްބަސްވުމާ ޚިލާފުވެ، މާރިޗް މަހުގެ 2 ވަނަ ދުވަހު އިޒްރޭލުން އަނެއްކާވެސް ވަނީ އެ ހަނގުރާމަތައް ފަށައި، ޣައްޒާއިން އެތައް ރައްޔިތުންނެއް ޝަހީދުކޮށްލައި، ފަލަސްތީނުގެ އެ ރައްޔިތުންނަށް ނިކަމެތި ހާލު ޖެއްސުމަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅަން ފަށާފައެވެ.
އެގޮތުން ޣައްޒާއަށް ކާބޯތަކެތި ލިބުން ހުއްޓުވައި، އެހީގެ ސާމާނު ހިފައިގެން ދިޔަ ފަރާތްތަކަށް އިޒްރޭލުން ވަނީ މަގުތައް ވެސް ބަންދުކޮށްފައެވެ.
އެފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓާލުމަށާއި ޣައްޒާގެ ރައްޔިތުން ބަނޑުހައި ހޫނުކަމުގެ ހާލަތަށް ނުވެއްޓުމަަށް އ.ދ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގޮވާލި ގޮވާލުންތަކަށް ވެސް އިޒްރޭލުން ދިނީ ބީރު ކަންފަތެކެވެ. ނަތީޖާއެއްގެ ގޮތުން މިހާރުވެސް ޣައްޒާއިން އެތައް ހާސް ރައްޔިތުންނެއް ބަނޑުހައި ހޫނުކަމުގައި ވަނީ ނިޔާވެފައެވެ.
ފަލަސްތީނު ސަރަޙައްދަށް ކަނޑައަޅާފައި ހުންނަ ޑަބްލިޔުއެޗްއޯގެ މަންދޫބު، ރިކް ޕީޕަރކޯން މިކަމާ ބެހޭގޮތުން ބުނީ، އުމުރަށްވުރެ އެތައް ގުނައެއް ޅަ ކުދިންގެ ގޮތުގައި ނުވަތަ ނިކަމެތިވެފައި ހުއްޓާ ޣައްޒާއިން އޭނާއަށް ފެނިފައިވާ ކަމަށެވެ. އެ ގޮތުން އުމުރުން ފަސް އަހަރުގެ ކުޑަކުއްޖެއް ވެސް ބަލާބެލުމަށް ހީވަނީ އުމުރުން ދެ އަހަރާ ބައިގެ ކުއްޖެއްހެން ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ޒިޔާރަތްކުރި ޣައްޒާގެ އުތުރުގެ ސަރަޙައްދެއްގައި ހުންނަ ހަސްފަތާލެއްގައި މެލްނިއުޓްރިޝަން ޙާލަތަށް ސްކްރީން ކޮށްފައިވާ ކުޑަކުދިންގެ ތެރެއިން 20 އިންސައްތަ ކުދިންގެ ޙާލަތު ވަރަށް ގޯސްކަމަށް އޭނާ ބުންޏެވެ.



