އެމްޑީޕީއަކީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ތާރީހެއް އޮތް ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމަށް މަޖިލިހުގެ ތަޅުމުގައި ވޯޓު ނެގުމުގެ ކުރިން ވާހަަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ފަނޑިޔާރުންގެ ހައްގުތަކަށް އަރައިގަނެ ފަނޑިޔާރުންނަށް ފުރުސަތު ނުދޭ ވާހަކަ ދައްކަން އެމްޑީޕީން ލަދުގަންނަން ޖެހޭކަމަށެވެ.
އެގޮތުން މާޒީއަށް ޖެހިލަން އެބަ ޖެހޭ ކަަމަށާއި ތާރީޙް ދައްކާ ގޮތުން އެމްޑީޕީގެ ވެރިކަމުގައި 8 ފަނޑިޔާރުން މަގާމުން ވަކިކޮށްފައި އޮތްތަން ފެންނަން އެބަ އޮތް ކަމަށެވެ.
އަދި ތިން ފަނޑިޔާރުންގެ މަގާމު ދަށްކޮށް ސުލޫކީ މައްސަލަތަކާއި ގުޅިގެން 33 ފަނޑިޔާރުންނަށް އެމްޑީޕީ ސަރުކާރުގައި ނަސޭހަތްތެރިވެފައިވާ ކަމަށާއި ހަ ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
”އެމްޑީޕީއަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި ބިރުދެއްކުމާއި ނުފޫޒުފޯރުވުމުގެ ތާރީހެއް އޮތް ބައެއް“ ޝުޖާއު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޝުޖާއުވަނީ ފަނޑިޔާރު މަހާޒު އާއި އަޒްމިރަލްދާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ޖޭއެސްސީން ދީފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދުގެ ޖަލްސާގައި ވަނީ ސްޕްރީމް ކޯޓުން ސަސްޕެންޑު ކޮށްފައިވާ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރަން ފާސްކޮށްފައެވެ.
އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ، އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށްފަހު، އެ ބޭފުޅުން މަގާމުން ވަކިކޮށްދިނުމަށް އެދެމުންނެވެ.




