ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، 60 އަށްވުރެ ގިނަ ޓީމާއެކު، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފޯރިގަދަ މަސްރޭހެއް މާދަމާ ރޭ ހުޅުމާލޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.
ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތައް ލިބޭގޮތަށް މަސް ރޭހެއް ބޭއްވުމަށް ނިންމައި، މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 64 ޓީމަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. އެގޮތުން ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށްދާނީ މާދަން ހަވީރު 04:00 އިން ރޭގަނޑު 10:00 އަށެވެ.
މި މަސް ރޭހުގައި ބައިވެރިވެގެން އެއްވަނައަށްދާ ޓީމަކަށް 21،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން، އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000ރ. އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސްކޭޓް ސްކޭޕް
މާދަމާ މައި ހުޅުމާލެ މަސް ރޭސް ކުރިއަށްދާ ވަގުތުގައި، ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ”ސްކޭޓް ސްކޭޕް“ ކުރިއަށްގެންދިއުމަށްވެސް ވަނީ ނިންމާފައެވެ. މިއީ ރޯލަރ ބްލޭޑާސް އާއި ސްކޭޓް ބޯޑާސް އަދި ސްކޫޓަރ ރައިޑަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ހަރަކާތް އޮންނާނީ މެއި 15 ވަނަ ދުވަހުގެ 16:00 އިން 22:00 އަށް، ހުޅުމާލޭ ފެރީ ޓާމިނަލް ޕާކުގައެވެ. ބައިވެރިންނަށް ސެޓްފިކެޓް ލިބޭ ގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 15 މެއި 2025 ގެ 14:00 އެވެ.
ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން މި ހަފްތާގެ ނިޔަލަށް އަދިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު ސައިކްލިންގ ޗެމްޕިއަންޝިޕް އަދި އެ ދުވަހުގެ ހަވީރު ހެލްތު ކޭމްޕްގެ އިތުރުން މި މަހުގެ 17 ވަނަ ދުވަހު ބީޗް ފެސްޓެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.




