ސިވިލް ސަރވިސްގައި ނުހިމެނޭގޮތަށް ބަންޑާރަ ނައިބުގެ އޮފީހުގެ ޚިދުމަތަކީ ވަކި ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ސަރުކާރުގެ ފަރާތުން ހުށައެޅުއްވި ބިލު އިތުރަށް ފުރިހަމަކުރުމަށް އަނބުރާ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި އެ ބިލު ދިރާސާކުރިގޮތުގެ ރިޕޯޓު ހުށައަޅައި ފާސްކުރުމަށް ވޯޓަށް އެހުމުން، މެންބަރުންގެ އަޣްލަބިއްޔަތުން ނިންމެވީ ބިލު އިތުރަށް ފުރިހަމަކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު މަޖިލިހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލަކީ ބަންޑާރަ ނައިބުގެ މަގާމަށް އައްޔަނު ކުރެވޭ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރުމަށް ހުށަހައެޅުއްވި ބިލެކެވެ. އަދި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުމަކީވެސް މި ބިލުގެ ބޭނުމެއްކަމަށް ވަނީ ބަޔާންކުރައްވާފައެވެ.




