ރާއްޖޭގައި ކުޅިވަރުގެ ފަންނީ މީހުން އުފައްދަން ޗައިނާއާއެކު މަޝްވަރާކޮށްފިއެވެ.
އެކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ އާއި ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢު މިއަދު ބޭއްވި ބައްދަލުކުރެެއްވުމުގައެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމަކީ ޗައިނާގެ ސަފީރުކަމަށް ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ ހަމަޖެއްސުމާ ގުޅިގެން ކުރިއަށްގެންދެވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ރާފިޢު ވަނީ ޗައިނާގެ އައު ސަފީރަށް މަރުޙަބާ ދަންނަވާފައެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ކުޅިވަރުގެ ރޮނގުން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.
އޭގެ ތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ބިނާކުރުމާއި، ތަމްރީން ޕްރޮގްރާމްތަކާއި، ސްކޯލާޝިޕްގެ ފުރުސަތުތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ކުޅިވަރުގެ ފަންނީ މީހުން ތަރައްޤީކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މިނިސްޓަރު ރާފިޢު ވަނީ ސަރުކާރުގެ ކުޅިވަރުގެ ތަސައްވުރާ ގުޅޭގޮތުން މަޢުލޫމާތު ޗައިނާ ސަފީރާ ހިއްސާކުރައްވާފައެވެ. މިގޮތުން ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ސާކް ސަރަހައްދުން ބޭރުން ކާމިޔާބީ ހޯދަން ކުރައްވާ މަސައްކަތްތައްވެސް ތަފްސީލްކޮށްދެއްވިއެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވަމުން ސަފީރު ކޮންގް ޝިންހުއާ ވަނީ ކުޅިވަރުގެ ރޮނގުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްކަމަށާއި، އެކި ކުޅިވަރުތަކުގައި ހުނަރުވެރި ކުޅުންތެރިން ރާއްޖޭގައި އެބަތިބިކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
އެ ކުޅުންތެރިންގެ ހުނަރު ތަަރައްޤީކޮށް، ކާމިޔާބީތައް ހޯދުމަށް އެހީތެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މިނިސްޓަރު ރާފިއު އާއި ސަފީރު ވަނީ މަޝްވަރާ ކުރައްވާފައެވެ.



