ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާވެގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް މުޢިއްޒު ވަނީ، ދިވެހި ކޮންމެ އާއިލާއަކަށް ފަހިކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެެވެ. އަދި، އިސްލާމްދީނުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވަނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށް ވިދާޅުވެ، ޤައުމުގެ ތަރައްޤީއާއި އާއިލާތަކުގެ ގުޅުމުގެ މައްޗަށް އެމަނިކުފާނުގެ ޕޯސްޓްގައި އަލިއަޅުއްވާލައްވާފައި ވެއެވެ.
ރައީސްގެ ޕޯސްޓްގައި ދިވެހި ކޮންމެ އާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަޞްރާއި ކާމިޔާބީ މިންވަރު ކުރެއްވުމަށްވެސް އެދިވަަޑައިގަންނަވާފައި ވެއެވެ.
ދިވެހިރާއްޖެއަކީ ޤައުމުގެ އިޖްތިމާޢީ ތަރައްޤީގައި އާއިލާތަކުގެ މުހިންމު ދައުރެއް އޮންނަކަން އަބަދުވެސް ޤަބޫލުކުރާ ޤައުމެކެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭންތަކުގައި ސިޔާސަތުތައް ހިމެނުމުގައި ޢާއިލާތަކަށް އަމާޒުކޮށް މުހިންމު ފިޔަވަޅުތަކެއް ދިވެހި ސަރުކާރުން އަޅާފައިވެއެވެ. މީގެ ތެރޭގައި އާސަންދަ ޞިއްޙީ ޚިދުމަތުގެ ނިޒާމް ތަޢާރަފްކުރުމާއި، ޗައިލްޑް އެންޑް ސޯޝަލް ޕްރޮޓެކްޝަން ސާރވިސްގެ ޚިދުމަތް ފުޅާކުރުމާއި، އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުސާރަ ލިބޭ ވިހެއުމުގެ ޗުއްޓީ، މައިންނަށް 6 މަހަށް އަދި ބައްޕައިންނަށް 1 މަހަށް އިތުރުކުރުން ފަދަ ކަންކަމަކީ، މުޖުތަމަޢުގެ އެންމެ އަސާސީ ބިންގާ ކަމުގައިވާ އާއިލާތައް ހަރުދަނާކޮށް، ޢާއިލާތަކުގެ ތެރެއިން މުޖުތަމަޢަށް ނިކުންނަ ކުދިންނަކީ ދުޅަހެއު، ތަޢުލީމީ ގޮތުން ކުރިއަރާފައިވާ، އުފެއްދުންތެރި ރައްޔިތެއްކަން ކަށަވަރުކުރުމާއެކު ޢާއިލާތައް ބާރުވެރިކުރުމަށް ޤާއިމްކުރެވިފައިވާ މުހިންމު ސިޔާސަތުތަކެކެވެ.
މީގެ އިތުރުން، މިދައުރުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީކޮށް، ހިންގަން ފެށުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.




