މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް މިދިޔަ މަހުގެ 18ވަނަ ދުވަހު ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ބާރުތައް ބަޔާންކޮށް، އެ ކޮމިޝަން ހިންގާ ގަވާއިދުތައް އިއްޔެ އެކުލަވާލައިފިއެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދުމުގެ ސަބަބުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ މާރިޗް މަހުގެ 27 ވަނަ ދުވަހުގައެވެ.
އެ ކޮމިޝަނުން އެކުލަވާލާފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރައީސްގެ ގަރާރުގައި ވެސް ބަޔާންކުރައްވާފައިވާ ކަންކަމެވެ.
”(ޔުމްނު) ވެއްޓުނު މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ މުއައްަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އިންސާފުވެރިކަމާ އެކު އަދުލުވެރިކަމާ އެކީ ތަހުގީކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުން“ ކޮމިޝަންގެ މަސްއޫލިއްތު ބަޔާންކޮށް ގަވައިދުގައި ލިޔެފައިވެއެވެ.
ރައީސް މުޢިއްޒު އުފައްދަވާފައިވާ މި ކޮމިޝަން އުވޭނެ ތާރީޚެއް ބަޔާންކޮށްފައި ނެތްނަމަވެސް، ކޮމިޝަންގެ މަސައްކަތްތައް ނިމޭނީ، ރައީސްގެ ގަރާރުން ކޮމިޝަނަށް މަތިކުރައްވާފައިވާ މަސައްކަތްތައް ނިމުމުން ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކޮމިޝަންގެ ބާރުތަކުގެ ތެރޭގައި ޖުމްލަ ހަ ކަމެއް ބަޔާންކޮށްފައިވެއެވެ. އެއީ:
1- ކޮމިޝަންގެ ތަހުގީގަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން
2- ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެއިން ބޭރު ހަބީރުންގެ އެހީތެރިކަން ހޯދުން
3- ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ގާނޫނު ތަންފީޒުކުރާ އިދާރާެއްގެ ބާރު ބޭނުންކުރުން
4- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ އަމުރުތަކަށް ކޯޓުތަކުގައި އެދުން
5- ހާޒިރުކުރަން ޖެހޭ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން
6- މި މައްސަލައާ ގުޅިގެން އެހެން އިދާރާއަކުން ތަހުގީގެއްކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔުންތަކާއި ހެއްކާއި ގަރީނާ އަދި އެ ނޫން ވެސް މައުލޫމާތު ހޯދުން




