ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދ. ހެނބަދޫއާއި ނ. ކުޑަފަރީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތްދޭން މިއަދު ފަށައިފިއެވެ.
މި ދެ ރަށުގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދެވެ.
މި ރަސްމީއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި އެރަށް ރަށުގެ ކައުންސިލުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެ ވިއެވެ.
ހެނބަދޫގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރައްޔިތުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދީ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ބީއެމްއެލްއިން ކުރަމުންދަނީ ޝުކުރު ހައްޤު މަސައްކަތެއް ކަމަށެވެ. އަދި މި ލިބުނު ލުޔާއިއެކު ރަށްރަށުގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފްް ވިދާޅުވީ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތައް ހުރިހާ ފަރާތަކުން އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ، މިއަހަރު ނިމުމުގެ ކުރިން 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުން ކަމަށެވެ.
މި ދެ ރަށުގައި ވެސް ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމް އެކެވެ.




