ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި، ރާއްޖޭގެ ޤާނޫނު އަސާސީއަށް ހުށަހަޅުއްވަން ގަސްތުކުރައްވާ ބައެއް އިސްލާޙުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ކުރިއަށް ގެންދިއުމުގެ ފައިދާ، ރާއްޖެ ފަދަ ޤައުމަކަށް ބޮޑުކަން، ފާހަގަކުރައްވާފައެވެ.
”މިކަންކަން މި ގޮތަށް ނިންމުމުން ޚަރަދު ކުޑަވެ، އެފިޝަންސީ އިތުރުވާނެ، ނަމަވެސް މިކަން ނިންމާނީ އަޅުގަނޑުމެންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން“ ރައީސް ވިދާޅުވިއެވެ.
މި ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވަނީ، 93 އަށް އަރާފައިވާ މަޖިލީސް މެމްބަރުންގެ ޢަދަދު، އެއަށްވުރެ އިތުރު ނުވާނެ ގޮތަކަށް ޤާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ.
އަދި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރެވޭ މިންވަރަށްވެސް ބަދަލުތަކެއް ގެނައުމުގެ ވިސްނުން ރައީސް ވަނީ ޙިއްޞާކުރައްވާފައެވެ.
މި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ޚިޔާލު ހޯއްދަވަމުން ގެންދަވާނެ ކަމަށާއި، ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށްވެސް އަހާނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައިސް ވިދާޅުވީ އަމިއްލަފުޅަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށެވެ.
”ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުން“ ރައީސް ތަކުރާރުކުރެއްވިއެވެ.
މި ކަންކަމާ މަޝްވަރާކުރެއްވުމަށް އާންމު ބަހުސަކަށް ހުޅުވާލައްވާފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ”އަޅުގަނޑުމެން ނިންމަމުން މިދަނީ މުސްތަޤުބަލުގެ މުހިންމު ނިންމުންތަކެއް ކަމަށާއި ކަމުގެ ހައްސާސްކަމާމެދު ހުރިހާ ރައްޔިތުންވެސް ވިސްނަން ޖެހޭ“ ކަމަށެވެ.




