ވޭސްޓު މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވުމަށް ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
ވެމްކޯ އިން މިއަދު ބުނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމުކޮށްފައިވާ ”ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 – މޯލްޑިވްސް އެކްސްޕޯ 2025“ ގައި ވެމްކޯއިން ބައިވެރިވުމަށް މިއަދު ފަހުމުނާމާގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ ފަހުމުނާމާގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލުއެވެ.
އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ ފަރާތުން އެ ފަހުމުނާމާގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުހައްމަދު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ، މި މަހުގެ 23 އިން 31 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ.
މި މައުރަޒު އިންތިޒާމްކޮށް ހިންގުމުގެ މަސައްކަތް ކުރިއަށްދަނީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.
މި މައުރަޒުގައި ވަނީ އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި ވިޔަފާރިތަކުގެ އިތުރުން، ރަށްތަކާއި ސިޓީތަކާއި، ތައުލީމީ މަރުކަޒުތަކާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.



