ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. އަތޮޅުގެ ހުރިހާ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ޚިދުމަތް ދޭންފަށައިފިއެވެ.
ބީއެމްއެލް އިން މިއަދު ވަނީ ނ. އަތޮޅުގެ އިތުރު ހަތް ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ހިދުމަތް ތައާރަފުކޮށްފައެވެ.
އެހެންކަމުން ނޫނު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން މި ވަނީ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.
ނޫނު އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ދޭން މިއަދު ފެށި ހަތް ރަށަކީ ހެނބަދޫ، ލަންދޫ، ކުޑަފަރީ، މާޅެންދޫ، ޅޮހި، މަގޫދޫ އަދި ފޮއްދޫއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، މިއީ މުޅި ނޫނު އަތޮޅަށްވެސް ލިބިގެންދިޔަ އުފަލެެއް ކަމަށެވެ.
”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން ނ. އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމް ގާއިމުކުރެވުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް“ ޝަރީފް ވިދާޅުވެފައި ވެއެވެ.



