ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައިގައި އަސްކޮއި ގްރޫޕް 130،000ރ. އިން ޖޫރިމަނާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކާއި އެ މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އަސްކޮއި ކުންފުނިން ހިލާފުވެފައިވާތީ އެ ކުންފުނި 130،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުުރުން ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލާ ފައިސާ ދެއްކި އެ ނުވަ މީހުންނަށް ރިފަންޑު ދިނުމަށް ވެސް އަންގާފައިވާނެ ކަމަށް, އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އަސްކޮއި ގުރޫޕުގެ އެހީގައި މި އަހަރުގެ ރަމަޟާން މަހު އުމްރާއަށްދާން ފައިސާ ދެއްކި ބަޔަކަށް ނުފުރިފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ މަހު ވަނީ ޕޯސްޓެއް ދައުރުވެފައި ވެއެވެ.
އަދި އެ މީހުން އުމުރާއަށް ދާން އެ ގްރޫޕަށް ދައްކާފައިވާ 252,000 ރުފިޔާ އަނބުރާ ދީފައި ނުވާކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.



