ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ދުރާލާ ދެނެގަތުމަށްޓަކައި“މެންޓަލް ހެލްތު ގެޕް ޓްރެއިނިންއެއް ބާއްވައިފިއެވެ.
މި ޓްރެއިނިން ކުރިއަށްގެންގޮސްފައި ވަނީ މި މަހުގެ 11-15 އަށެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއީ ނަފްސާނީ އުނދަގޫތަކާއި އަދި ބަލި ހުންނަ ފަރާތްތަކާއި އެކު މަސައްކަތްކުރުމުގައި، ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ދުރާލާ ދެނެގަތުމާއި، ބަލި މެނޭޖްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ ޓްރެއިނިން އެއް ކަމަށެވެ.
އަދި އެފަރާތްތަކާއި އެކު މަސައްކަތްކުރުމުގައި ބޭނުންވާނެ މަޢުލޫމާތާއި، ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެއިނިންއެއް ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެ ފަދަ ނަފްސާނީ ފަރުވާ ދިނުމުގެ ވަސީލަތްތައް މަދުވުމުން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލަމުންދާ ގައުމުތަކުގައި ގުޅުން ހުރި ޚިދުމަތް ފޯރުކޮށްދެމުންދާ ސްޕެޝަލިސްޓް ނޫން ޚިދުމަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކޮށްގެން ނަފްސާނީ ބަލީގެ ފަރުވާ ދިނުމުގައި ހުރި ފަރަގު ކުޑަކުރުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމްގައި މާލޭ ސަރަހައްދުން ކަމާގުޅުންހުރި ޖުމްލަ 31 ބޭފުޅުން މި ބައިވެރިވެ، ތަމްރީން ފުރިހަމަކޮށްފައި ވެެއެވެ.
އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް/ނެޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތު، ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން، ހުޅުމާލެ ހޮސްޕިޓަލް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ އެފް.ސީ.ޕީ.ޑީ އަދި ވިކްޓިމް ސަޕޯޓް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރ، ނޭޝަނަލް ޑްރަގު އެޖެންސީ، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ޚިދުމަތް ފޯރުކޮށްދޭ ކަމާގުޅުންހުރި ބޭފުޅުން ހިމެނެއެެވެ.
މި ތަމްރީންގައި ސެޝަންތައް ނަންގަވައިދެއްވީ މި ކަމުގެ ތަޖުރިބާކާރުން ކަމަށްވާ ސީނިއަރ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ސައިކިއެޓްރީ ޑރ. ޝަނޫހާ މަންސޫރު، ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ސައިކިއެޓްރީ ޑރ. އާރިފް މުހައްމަދު، ކޮންސަލްޓެންޓް އިން ސައިކިއެޓްރީ ޑރ. އަބްދުﷲ ނާޒިމް، ކޮންސަލްޓެންޓް އިން ސައިކިއެޓްރީ ޑރ. ޝޫގާ މޫސާ އަދި ކޮންސަލްޓެންޓް އިން ޕީޑީޓްރިކްސް ޑރ. ފަރުޒާނާ ފިރުދައުސް އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެހީތެރިވެފައި ވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޔުނިސެފް އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނެޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތުގެ ފަރާތުން ކަމަށެވެ.
މި ޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިތުރުން ޑަބްލިޔުއެޗްއޯ އަދި އައިޖީއެމްއެޗްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.



