ކުދިން ހޯދުން މަދުވަނީ ޚަރަދު ބޮޑުވަމުން އައުމާއި އުޅެންޖެހޭ މާހައުލުގެ ދަތިކަމުން ކަމަށް ދަރިމައިވުމުގައި ހުރި ދަތިތަށް ދެނެގަތުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ދިރާސާ އިން ދައްކައިފިއެވެ.
މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓިއާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑު، ޔޫއެންއެފްޕީއޭ ގުޅިގެންނެވެ.
އެ ދިރާސާ ހަދާފައި ވަނީ ”ރާއްޖޭގައި އިޖުތިމާއީ އަދި އިގުތިސާދީ ސަބަބުތަކުގެ ސަބަބުން ދަރިމައިވުން ދަށްވުން“ މި މައުލޫއަށެވެ.
މި ދިރާސާގައި 479 އަންހެނުން ބައިވެރިވެފައި ވާއިރު ފޯކަސް ގްރޫޕު ޑިސްކަޝަންގައި ފިރިހެނުންނާއި ސިއްހީ ދާއިރާގެ މީހުން ބައިވެރިކޮށްފައިވެއެވެ.
އެގޮތުން މި ދިރާސާއިން ދައްކާގޮތުގައި ކުދިން ހޯދުން މަދުވަނީ ދިރިއުޅުމުގެ ޚަރަދު ބޮޑުވަމުން އަންނާތީ ކަމަށް 40.9 އަންހެނުން ވަނީ ބުނެފައެވެ. އަދި 55.5 އަންހެނުން ބުނީ ގިނަ ކުދިން ނުހޯދަނީ އުޅެންޖެހޭ މާހައުލުގެ ދަތިކަމުން ކަމަށެވެ.
ހަމައެހެންމެ ސިއްހީ ސަބަބުތަކާހުރެ ދެ ވަނަ ދަރިފުޅު ނުހޯދާ ކަމަށް 27 ޕަސެންޓު މީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ދިރާސާގައި ވަނީ އާބާދީ އިތުރުކުރުމަށް މުހިއްމު ފިޔަވަޅުތަކަކަށް ލަފާދީފައެވެ.
މިގޮތުން ދެ ދަރިންނަށް ވުރެ ގިނަ ދަރިން ތިބި އާއިލާތަކަށް ރަނގަޅު ގެދޮރުގެ ފުރުސަތު ހޯދައިދިނުމާއި ދައުލަތުގެ އިދާރާތަކާއި ކައިރީގައި ސަރުކާރު ސަބްސިޑައިޒްކޮށްފައިވާ ޑޭ-ކެއާ ސެންޓަރުތައް ޤާއިމުކުރުމާއި ފްލެކްސިބަލް މަސައްކަތުގެ ސިޔާސަތުތައް ތަންފީޒުކުރުން ހިމެނެއެވެ.




