ފަލަސްތީނުގެ ޣައްޒާގެ މުސްތަޤުބަލު ރޭވުމަކީ ޔަހޫދީ އިޒްރޭލަށް ލިބިގެންވާ ޙައްޤެއް ނޫން ކަމުގައި އ.ދ ގެ ޚާއްސަ ރެޕޯޓިއަރ ފްރޭންސެސްކާ އަލްބަނީސް ބުނެފިއެވެ.
ފްރޭންސެސްކާ މިހެން ބުނެފައިވަނީ، އިޒްރޭލުން މުޅި ޣައްޒާ ހިފުމަށް ނިންމައި، ގަދަބާރުން އެތަނަށް ވެރިވެގަތުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ.
އެގޮތުން އިޒްރޭލުން އަންނަނީ ޣައްޒާގެ ރައްޔިތުން އެ ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ދިޔުމަށް ގޮވާލައި، ހުއްޓުމެއް ނެތި ޣައްޒާއަށް ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްޓަކައި، އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކުން ވެސް ޣައްޒާއަށް އެތެރެވެވުން އިޒްރޭލުން ވަނީ ހުއްޓުވާފައެވެ.
މިކަމާ ގުޅިގެން ފްރޭންސެސްކާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިޒްރޭލުން ޣައްޒާއަށް ވެރިވެގަންނަނީ ޤާނޫނާ ޤަވާއިދުތަކާ މުޅިން ޚިލާފަށް ކަމަށެވެ. އަދި މިކަމުގައި ދުނިޔޭގެ ނުފޫޒުގަދަ އެހެން ޤައުމުތަކުން ހަމަހިމޭނުން ތިބުން ފްރޭސެސްކާ ވަނީ ކުށްވެރި ކޮށްފައެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް އިޒްރޭލަށް އަމުރުކޮށްފައިވަނީ ހަނގުރާމައާއި ވެރިވެގަންނަން އުޅުން ހުއްޓާލުމަށް ކަމަށްވާއިރު، އިޒްރޭލުން އަމާޒު ހިފާފައި ހުރީ ގަތުލުއާންމު ކުރިއަށް ގެންދިޔުމަށްކަން ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.




